ޚަބަރު

ޗައިނީޒް ކްރުޒީން ވޯލްޑް ޗެމްޕިއަންޝިޕް އިން ރާއްޖެ ލޯ މެޑަލް ހާސިލްކޮށްފި!

މަރިޔަމް ޝަހުދާ

ޗައިނީޒް ކްރުޒީން ވޯލްޑް ޗެމްޕިއަންޝިޕް 2019 ގައި ބައިވެރިވި ރާއްޖޭގެ ޓީމް ލޯ މެޑަލް ކާމިޔާބުކޮށްފި އެވެ.

ޗައިނާގެ ލިއާއިންގް ޕްރޮވިންސްގެ ޑާލިއަން ސިޓީގައި މިމަހު 21 ގައި ފެށުނު މި މުބާރާތް ނިންމާލާފައި ވަނީ މިއަދު އެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ބައިވެރިވީ ހަ ދިވެހި ޝެފުން ހިމެނޭ ޝެފުންގެ ޓީމެކެވެ.

މިމުބާރާތުގައި 300 އެއްހާ ޝެފުން ބައިވެރިވިއިރު، މުޅި ދުނިޔެއިން 24 ޓީމު ބައިވެރިވިއެވެ.

މިއަހަރުގެ ޗައިނީޒް ކްރުޒީން ވޯލްޑް ޗެމްޕިއަންޝިޕް ގައި ފުލް-ޓައިމް ޖަޖެއްގެ ގޮތުން ރާއްޖޭގެ ޝެފް އިސްމާއިލް ސޯލިހު ބައިވެރިވިއެވެ.

ޗައިނީޒް ކްރުޒީން ވޯލްޑް ޗެމްޕިއަންޝިޕް އަކީ 2015 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޗައިނާ ކްރުޒީން އެސޯސިއޭޝަނުން ބައިނަލްއަގުވާމީ ފެންވަރެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ޗައިނީޒް ކްރުޒީން އަދި ވެސްޓާން ކްރުޒީން ޕްރޮމޯޓު ކުރުމުގެ އިތުރުން ދެ ވައްތަރުގެ ކެއުންތަކަށް އައިސްފައިވާ ބަދަލު ދެނެގަނެ، މުޅި ދުނިޔޭގައި ޗައިނީޒް ކްރުޒީން ބަދަލުވަމުންދާ ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ މުބާރާތެކެވެ.