އިބްރާހިމް ޒަކީ
ދިރިއުޅުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރާ ފަރާތްތަކަށް މާލެ އާއި ރަށްރަށުން ފުލެޓް ދޫ ކުރުމުގެ މަސައްކަތް ހަލުވި ކުރުމާއި، ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަންނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސްކުރާގޮތަށް ލުއިލޯނު ދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ފޮނުވި މި ގަރާރުގައި ވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމަކީ ގާނޫނުއަސާސީގެ 41 ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ. އަދި އެގޮތަށް ވަޒަންވެރިވާ ކޮންމެ ރައްޔިތަކައްވެސް އެރަށެއްގައި ދިރުއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގެންވާ ކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމާއި، އެކަމާގުޅުންހުރި އެކި އުދާސްތައް ގިނަވެ، އަތޮޅުތައް ތަރައްގީ ކުރުމުގައި ވޭތިވެދިޔަ ސަރުކާރުތަކުން ގެންގުޅުނު އުސޫލު ތަކުގެ ސަބަބުން ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ނުލިބިވާކަން ވަނީ ފާހަގަކޮށްފައެވެ.
ގަރާރުގައި ބުނެފައިވަނީ، އެކި ކަންކަމުގައި މާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު އިތުރު ވުމުގެ ސަބަބުން މާލެ ތޮއްޖެހި، ގެދޮރުގެ ޖާގަ ދަތިވެ، ކުލި އިންތިހާއަށް ބޮޑުވެ، އާއިލާތައް ދިރިއުޅުމަށް އެކަށީގެންނުވާވަރުގެ ކުދިކުދި ޖާގަ ތަކުގައި މީހުން ދިރިއުޅުން އިތުރުވެފައިވާކަމަށެވެ.
އެގޮތަށް ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅޭ އެތައް ފަރާތްތަކަކަށް ރާއްޖޭގެ އެއްވެސް ތަނަކުން އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަމެއް ލިބޭނެގޮތެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ ބޯހިޔާވަހިކަން ހޯދައި ދިނުމަކީ މި ސަރުކާރުގެ މައި ވައުދަކަށްވީހިނދު، އެކަންތައްތަކަށް ރިއާޔަތްކޮށް، ހައުސިން ނީޑްސްއަށް ބިނާކޮށް، ބޯހިޔާވަހިކަން ފޯރުވައި ދިނުގެ މަޝްރޫއުތައް އަވަސް ކުރުމަށާއި، ބިން ހިއްކޭނެ ފަޅު ނެތް ރަށްރަށުގައި، އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއި ގުޅުވާލައި ބިން ބޮޑު ކުރުމުގެ މަސައްކަތް ހިންގޭނެ އުސޫޅުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ގޮވާލާ ކަމަށެވެ.
އަދި ދިރިއުޅޭނޭ އަމިއްލަ ތަނެއްނެތް، ނުވަތަ އާއިލާތަކަށް ދިރިއުޅެވޭވަރުގެ ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުގެ އުސޫލުތައް ކަނޑައެޅުމަށާއި، މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތެއްނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަންނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސްކުރާގޮތަށް ލުއިލޯނު ލިބޭނޭގޮތް ފަހިކޮށް ދިނުމަށް މަޖިލީހުން ސަރުކާރަށް ގޮވާލާކަމަށްވެސް ގަރާރުގައި ވެއެވެ.