އިބްރާހިމް ޒަކީ
ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް، ޖާގައޮތް ރަށްރަށުން ގޯތި ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފިއެވެ.
އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ފޮނުއްވި މި ގަރާރުގައި ވަނީ ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށަށް ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހްރޫމްވެ، އެކަމުގެ ސަބަބުން ގިނަ އާއިލާތައް ބިކަވެ، ހާލުގައި ޖެހެމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނަންޖެހޭ ކަމަށެވެ.
ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ އަސާސީ އަދި އިޖުތިމާއީ ހައްގަކަށްވީ ހިނދު، އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގުފަހިކޮށްދީ އާއިލާތަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ ގާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ، ދިރިއުޅުމަށް ނުކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށްވީހިނދު، އެ ފަރާތްތަކަށް ގޯތި ގެދޮރު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށްރަށުގެ ތެރެއިން ގޯތިދެވޭ ވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ މީހުންނަށް ގޯތި ދޫކުރުން ލާޒިމް ކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި ދިވެހިންނަށް ހައްގުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ގަރާރުގައިބުނެފައިވެއެވެ
ގަރާރުގައިވަނީ، މިކަމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންތަކަކަށް ދިމާވެފައިވާ މައްސަލައަކަށްވެފައި، ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހުން ގޮވާލާ ކަމަށެވެ.