ޚަބަރު

މަސްވެރިކަމުގެ ބިލުންބުނާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަމެއް މިވަގުތަކު ނެތް: ސަލާމަތީ ބާރުތައް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، އެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިހާރު ދިރާސާ ކުރަމުން ގެންދާ، މަސްވެރި ކަމުގެ ބިލުގައި، ބުނެފައިވާގޮތަށް ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓައި މޮނީޓާކޮށް އެ އޮޕަރޭޝަން ހިިންގުމުގެ ކެޕޭސިޓީއެއް މިވަގުތު ގައުމީ ދިފާއީބާރުގައި ނެތް ކަމަށް އެ ފަރާތުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި މިއަދު ބިލު ދިރާސާކުރުން ކުރިއަށް ގެންދިޔައިރު، އެމްއެންޑީއެފް އާއި ފުލުހުންނާއި ކަސްޓަމުގެ ފަރާތުން ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ބިލުގައި ބުނެފައިވާގޮތަށް، ދިވެހި މަސްދޯނި ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނިކުމެ މަސްވެރިކަން ކުރުމާއި، ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް މަސް ގަތުމުގެ ހަރަކާތްތައް ހިންގާއިރު، މޮނިޓާކޮށް، ކޮންޓްރޯލްކޮށްގެން ބެލެހެއްޓޭނެތޯ، މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކޯސްޓްގާޑް، ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، މިހާރު ހުރި ވަސީލަތްތަކަށް ބަލައި އެފަދަ ކެޕޭސިޓީއެއް ނެތް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އެއީ ނުކުރެވޭނެ ކަމެއްނޫން ކަމަށާއި، ކެޕޭސިޓީ ބިލްޑުކޮށް، އެކަމާގުޅޭގޮތުން ހަދާ ގަވާއިދު ތަކުގެ ތެރޭގައި ވަަރަށް ހަރުދަނާ ކަންތައްތަކެއް ހިމަނައިގެން އެކަން ކުރެވިދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

"ކެޕޭސިޓީގައި އެބަހުރި ކަންބޮޑުވާންޖެހޭ ކަންތައްތައް، އެހެން ނަމަވެސް އެއީ ކުރެވިދާނެ ކަމެއް، ނުކުރެވޭނެ ކަމެއްނޫން، އެހެން ނަމަވެސް މިއާގުޅޭގޮތުން ހަދާ ގަވާއިދު ތަކުގެ ތެރޭގައި ވަަރަށް ހަރުދަނާ ކަންތައްތަކެއް ހިމަނައިގެން ކުރެވިދާނެ ކަމެއްގެ ގޮތުގައި އަޅުގނޑުމެންނަށް ފާހަގަ ކުރެވެނީ، މިހާރު ހުރި ކެޕޭސިޓީއަށް ބަަލައިފި ކަމަށްވެއްޖެއްޔާމު މި ވަރުގެ އޮޕަރޭޝަނެއް ހިންގާނެ ކެޕޭސިޓީއެއް އަޅުގަނޑުމެންގެ، ހާއްސަކޮށް ކޯސްޓްގާޑުގެ ތެރޭގައި ގާއިމްވެފައެއްނެތް، މިހާރުން މިހާރަށް އެކަން ކުރާ ކަމަށްވަންޏާ އިތުރަށް ކެޕޭސިޓީ ބިލްޑު ކުރެވިގެން އޭގެ ތެރެއިން ކުރެވިދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެނަށް މި ފާހަގަ ކުރެވެނީ،" ޕްރިންސިޕަލް ޑައިރެކްޓަރ ކޯސްޓްގާޑް، ކާނަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ މޭޖަރ ހަސަން ސިނާން ވިދާޅުވީ، މިހާރުން މިހާރަށް އެކަން ކުރަން ބޭނުންނަމަ މޮނިޓަރިންގ ސަވައިލަންސް ނިޒާމް ވަރަށް ބޮޑަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި މަސްވެރިކަންކުރާ އުޅަނދުތަކުގައި ހާއްސަ ޑިވައިސްއެއް ގާއިމްކުރުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ،

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 12 މޭލު އެތެރޭގެ ސަރަޙައްދަކީ ފުލުހުންގެ ހިމެނޭ ސަރަހައްދުކަން ފާހަގަ ކުރައްވައި، ފުލުހުންގެ ފަރާތުން ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ކޮމިޓީގައި އެ ސުވާލާ ގުޅިގެން ވިދާޅުވީ، ނަމަވެސް މަސްވެރި އުޅަނދުތަކަށް ރާއްޖޭން ބޭރު ކަނޑުގެ ސަރަހައްދު ހުޅުވާލައިފިނަމަ އެކަން ބެލޭނެ ވަސީލަތްތައް ފުލުހުންގެވެސް ނެތްކަމަށެވެ.