ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އެސެސްމަންޓް ޓީމެއް އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.
ކޮމަންވެލްތުގެ އެސެސްމަންޓް ޓީމަކުން މިއަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތްކުރި މިއީ ދެވަނަ ފަހަރެވެ.
ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރީ، 2018 ވަނަ އަހަރު ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެމްބަރުކަން ދިނުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުންނެވެ. އޭގެ ފަހުން ރާއްޖޭގައި މިއަހަރު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށްވެސް ކޮމަންވެލްތުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިވަފުދުން މަޖިލިސް އިންތިހާބުގެ ކަންކަން ހިނގި ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައެވެ.
މިއަދު މެންދުރު ރާއްޖެއަށް ޒިޔާރަތްކުރި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އެސެސްމަންޓް ޓީމުގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ ކެޓަލައިނާ ސަޕްލޯ އެވެ.
މި ޓީމުން ރާއްޖޭގެ އެކި ވަޒީރުންނާއި ސަރުކާރުގެ ިސްބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މިނިވަން މުއައްސަސާތަކުގެ މެމްބަރުން، އަދި ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކާއި ބައްދަލު ކުރައްވަން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ނިމިދިޔަ ޖޫންމަހު ކޮމަންވެލްތު މެމްބަރުގައުމަކަށް ރާއްޖެ އަލުން ވުމަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވައިފައެވެ.
ކޮމަންވެލްތައް އަލުން ރާއްޖެ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.