ޚަބަރު

އެމްއާރުއެމްގެ ވިސްނުމުގެ ބިލަކަށްވާތީ، މަސްވެރިކަމުގެ ބިލު ވަނީ ބޮޑު ތަކުލީފަކަށްވެފަ: މެންބަރު އިބްރާހިމް ރަޝީދު

އިބްރާހިމް ޒަކީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި މިހާރު ދިރާސާ ކުރަމުންދާ، މަސްވެރިކަމުގެ ބިލަކީ، ސަރުކާރު ކޯލީޝަންގައި ހިމެނޭ "އެމްއާރުއެމް"ގެ ވިސް ނުމުގެ ބިލެއްކަމުން އެ ބިލު ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް، އިގުތިސާދީ ކޮމިޓީގެ ނާއިބު މުގައްރިރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އިގުތިސާދީ ކޮމިޓީން މިއަދު ކުރިއަށްގެންދިޔައިރު، މޯލްޑިވްސް ފިޝަރީޒް އެސޯސިއޭޝަނާއި ނައިފަރު ކޯޕަރޭޓިވް އެސޯސިއޭޝަންގެ އިތުރުން ބައެއް މަސްވެރިން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު މެންދުރު ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، އެ ބިލް ހުށަހެޅުމުގެ ކުރިން، މަސްވެރިކަމާބެހޭ ފަސް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެޖެންޑާ 19 ގެ ވިސްނުމުގައި މަޖިލީހުގައި ބަހުސް ކުރިއަށް ގެންދިޔަ ކަމަށެވެ.

ނަމަވެސް މިހާރުގެ ސަރުކާރަކީ ކޯލީޝަން ސަރުކާރެއް ކަމަށާއި އެހެން ކަމުން ބައެއް މިނިސްޓްރީ ތަކަކީ ކޯލީޝަނަށް ނިސްބަތްވާ މިނިސްޓަރީތަކެއްކަން ފާހަގަކޮށް، ބޮންޑާ ވިދާޅުވީ، މަސްވެރިކަމުގެ ބިލު ފަރުމާކޮށްގެން މަޖިލީހަށް އައިއިރު، އެ ބިލަކީ، ސަރުކާރު ކޯލީޝަންގައި ހިމެނޭ ރައީސް މައުމޫނަށް ނިސްބަތްވާ (އެމްއާރުއެމް)ގެ ބިލެއް ކަމުން އެ ބިލު ބޮޑު ތަކުލީފަކަށް ވެފައިވާކަމަށެވެ. އަދި އެ ބިލު ދިރާސާ ކުރުމަށް ވަގުތު ހޭދަވެގެންދަނީ އެހެންވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަސް ގަރާރަކަށް ބަހުސްކުރީ އެޖެންޑާ 19 ގެ ވިސްނުމުގައި، އެހެންނަމަވެސް ބިލު ފަރުމާކޮށްގެން އައިއިރުގައި ވިސްނުން ހުރީ އެމްއާރުއެމްގެ ވިސްނުމުގައި މިއީ ކޯލީޝަން ސަރުކާރެއް، ސަރުކާރުގެ ބައެއް މިނިސްޓްރީތަކަކީ ގުޅިފައިވާ ޕާޓީތަކުގެ މިނިސްޓްރީތަކެއް، ދެން މިފަހަރު އަޅުގަނޑުމެންނަށް ލިބުނީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް، އެހެންކަމުން އަޅުގަނޑުމެންނަށް ބޮޑު ތަކުލީފަކަށްވެގެން މިދަނީ،" ބޮންޑާ ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދުގެ ވާހަކައާ ގުޅިގެން ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، މަސްވެރިކަމުގެ ބިލު ފިޝަރީސް މިނިސްޓްރީން ޑްރާފްޓްކޮށް، ތައްޔާރުކުރި ނަމަވެސް ބަންޑާރަނާއިބުގެ އޮފީހުން ބެލުމަށްފަހު ބިލު މަޖިލީހަށް ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ކަމަށާއި، އެހެންކަމުން މުޅި ސަރުކާރުގެ ވިސްނުން ބިލުގައި ހިމެނޭނެ ކަމަށެވެ.

އަދި ބިލު މަޖިލީހަށް އައިސްފަ އޮންނާނީ އެެންޑާ 19 އިގެ ވިސްނުން އޮވެގެން ކަމަށާއި އެހެންކަމުން ޖެހޭނީ ބިލުގެ އުނި އިތުރު ފިލުވާލަން ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.