އެމެޒޯން އަކީ ދުނިޔޭގެ ފުއްޕާމޭ ކަމަށާއި އެތަން ހިމާޔަތް ކޮށްދިނުމަށް ބައިނަލް އަގުވާމީ ދުނިޔޭން އިތުރަށް މަސައްކަތްކޮށްދިނުމަށް ގޮވާލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.
ދުނިޔޭގެ ދިރުމަށް ބޭނުންވާ 20 ޕަސެންޓު އޮކްސިޖަން އުފައްދަނީ އެމެޒޯން އިން ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެ ތަނުގައި އަލިފާން ރޯވެ އަނދަމުންދާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ މި ދުނިޔޭގެ ފުއްޕާމޭ. ދުނިޔެއަށް ބޭނުންވާ އޮކްސިޖަންގެ 20 ޕަސެންޓު އުފެދައިދެނީ އެމެޒޯން އިން. އަދި ކާބަންޑައިއޮކްސައިޑް ބޭރުވިޔަ ނުދީ ހިފަހައްޓައިދޭ އެންމެ ބޮޑު ގުދުރަތީ ވަސީލަތަކީ ވެސް އެއީ." ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވި އެވެ.
އެމެޒޯން ޖަންގަލީގައި ރޯވެ އަނދަމުން އަންނަތާ ވަނީ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ހުޅުގަނޑު އަސްލު ރޯވެ އަނދަން ފަށާފައި ވަނީ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރީންނެވެ. އެ ތަނުގައި ރޯކޮށްލީ ދަނޑުވެރީން އެ މީހުން ދަނޑުވެރިކަން ކުރާން ބޭނުންވާ ބިމުގެ ބޭނުމުގައި ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ބްރެޒިލްގެ ސަރުކާރުން މިހާރު ވަނީ ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވުމަށް ސިފައިން ފޮނުވައިފަ އެވެ.
ވިކިޕީޑިއާއިން ބުނާ ގޮތުގައި 2013 ވަނަ އަހަރު ސައިންޓިސްޓުން ކުރި ދިރާސާއަކުން އެނގޭ ގޮތުގައި، އެމެޒޯންގައި ތަފާތު 16000 ވައްތަރުން 390 ބިލިއަނަށް ވުރެ ގިނަ ގަސްގަހާގެހި ހުއްޓެވެ. މިހާރުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެޒޯން ޖަންގަލީގައާއި އެ ޖަންގައްޔާއި ގުޅިފައިވާ ކޯރުތަކުގެ ތެރޭގައި ތިން މިލިއަނެއްހާ އެކި ކަހަލަ ދިރުންވެ އެވެ. އޭގެ ތެރޭގައި އެކި ކަހަލަ ދޫނި ސޫފާ ސޫއްޕާއި ފަނި ފަކުސާއާއި މަސްމަހާ މެއްސާއި ޖަނަވާރުން ވެސް ހިމެނެ އެވެ.
އެމެޒޯން ޖަންގަލީގައި ހުރި ގަސްތަކުގައި 3000 އަށްވުރެ ގިނަ ވައްތަރުތަކުގެ މޭވާ ހެދެއެވެ. ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ 70 އިންސައްތަ އަކީ އެމެޒޯން ޖަންގަލީން ލިބޭ ފައްޕިލާވެއްޔެވެ.
އެމެޒޯން ވަނީ ދުނިޔޭގެ ތަފާތު ނުވަ ގައުމަކަށް ބެހިގެން ގޮސްފަ އެވެ. އޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބްރެޒިލުންނެވެ. އެއީ 60 އިންސައްތަ އެވެ.
ދުނިޔޭން ފެނިފައިވާ އެންމެ ބޮޑެތި ސައިޒުގެ ކަކުންޏާއި އެންމެ ބޮޑެތި ވައްތަރުގެ ކޯމަހާއި އެންމެ ބޮޑެތި އަދި ނުރައްކާތެރި ހަރުފަ އާއި އެ ނޫންވެސް، ދުނިޔޭގެ އެހެން އެއްވެސް ތާކުން ފެނިފައި ނުވާ ފަދަ މަސްމަހާ މެއްސާއި ޖަނަވާރުންނާއި ގަސްގަހާއިގެހި އެމޭޒަންގައި ގިނަ އަދަދަކަށް އެބަހުއްޓެވެ. އެ ޖަންގަަލީގެ ގަސްތައް ހެދިފައިވާ ކައިރިވެފައި، ބައެއް ސަރަހައްދުތަކުގައި ގަސްބޯކަމުން އެ ސަރަހައްދުތަކަށް ވެހޭ ވާރޭގެ ފެން، ބިމާ ހަމަޔަށް އަންނަން 10 ވަރަކަށް މިނެޓު ނަގާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.