އއ. އުކުޅަހުގައި ސަރުކާރުން އިމާރާތްކުރި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި، އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އަމީން ކޮންސްޓަރްކަޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރި މި ސެންޓަރު ރަށު ކައުންސިލާއި ހަވާލުކުރީ އުކުޅަހު ކައުންސިލް އިދަރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ކޮންވެންޝަން ސެންޓަރު ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
އުކުޅަހު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މަޝްރޫއަކީ މިހާތަނަށް އެންމެ ބާރު ސްޕީޑްގައި ނިމިގެން ދިޔަ މަޝްރޫއު ކަމަށެވެ. އަދި އެ ކޮންވެންޝަން ސެންޓަރަކީ އުކުޅަހުގެ މުސްތަގުބަލުގައި ވަރަށް ގިނަ މުހިއްމު ބޭނުންތަކެއް ކުރެވިގެންދާނެ އިމާރާތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، އެހާ ބޮޑު މަޝްރޫއެއް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރިތާ 29 ދުވަހުގެ ތެރޭ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން ސަރުކާރުގެ ތަރައްގީގެ ދުވެލި ވަރަށް ހަލުވިކަން އެނގިގެން ދިޔަ ކަމަށެވެ.
އަމީން ކޮންސްޓަރްކަޝަން ޕްރައިވެޓް ލިމިޓެޑުން އެމަސައްކަތް ނިންމާފައި ވަނީ މަސައްކަތް ހަވާލުކުރިތާ 29 ދުވަސްތެރޭގައެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކުރީ މިދިޔަ ޖުލައި 25 ގައެވެ.
އުކުޅަސް ކޮންވެންޝަން ސެންޓަރުގައި މަލްޓިޕާޕަސް ހޯލަކާއި، މީޓިން ރޫމާއި، ވީއައިޕީ މީޓިން ރޫމާއި، ދެ ކްލާސްރޫމާއި، އެޑްމިން އޮފީހާއި، ވެއިޓިން އޭރިއާގެ އިތުރުން 8 ފާހާނާ ހިމެނެއެވެ. އަދި ކޮންވެންޝަން ސެންޓަރުގައި ބާއްވާ ކޮންފަރެންސްތަކަށް ކޭޓާ ކުރުމަށް ކެފެޓީރިއާ ސަރަހައްދެއް ވެސް ވަނީ ހިމަނާފައެވެ. މިއީ 400 މީހުންގެ ޖާގައިގެ އިމާރާތެކެވެ.
އެ މަޝްރޫއު އަކީ 20.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. އޭގެ ތެރެއިން 7.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ އިންޑިއާ ސަރުކާރުން ދިން ހިލޭ އެހީގެ ދަށުންނެވެ.