ޝަހީދާ އަބްދުﷲ ސައީދު
ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ހެނދުނު 9:00 ގައި އިންތިހާބުގެ ވޯޓުލުން ފަށައިފައި ވާއިރު، ވޯޓްލުން ކުރިއަށް ދާނީ ހަވީރު 5:00 އަށެވެ. ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ހުންނަ ކޯޓު އިމާރާތުގައެވެ. މާލޭގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ބާ ޖަމާލުއްދީންގެ ޓްރެއިނިން ހޯލުގައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި، ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 21 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އިންތިހާބުގައި ވޯޓުލާނީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަނޑިޔާރުންގެ ރަޖިސްޓަރީގައި ހިމެނޭ، ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނެވެ.
މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު 178 ފަރާތަކަށް ލިބިގެންވެ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ދަށު ކޯޓުގެ ފަނޑިޔާރަކު ހޮވުމަށް އިންތިހާބު ބާއްވަނީ، ދަށު ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މިވަގުތު ޖޭއެސްސީގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޖުވަނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާ ފުޅުގެ ދައުރު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.