ހައިކޯޓު

ފަނޑިޔާރުންނަށް ހާއްސަކޮށްގެން ސަރަހައްދީ ފެންވަރުގެ މަހާސިންތާއެއް ރާއްޖޭގައި ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ސަރަހައްދީ ފެންވަރުގައި ބާއްވާ ފަނޑިޔާރުންގެ މަހާސިންތާއެއް ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ފެށި މަހާސިންތާއަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި ރާއްޖޭގެ ރާއްޖޭގެ ހައި ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުން ގެ ތެރެއިން 15 ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހާސިންތާއަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެހީގައި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރާއި ސިލޯން ޗެމްބާ އޮފް ކޮމާސް، އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ކޮމާޝަލް ލޯ ޑިޕާޓްމަންޓާއި ގުޅިގެން މާލޭގައި ''ޖުޑިޝަލް އެކްސްޗޭންޖް އޮން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން'' ގެ ނަމުގައި ބާއްވާ މަހާސިންތާއެކެވެ.

މި މަހާސިންތާގައި ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ފަޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ, ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު, ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިޔާ, ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާން, ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހިމް, ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް, ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު, ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު, އަދި ސިވިލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ އަލީ, ސިވިލް ކޯޓުގެ ފަނޑިޔާރު ޒުބެއިރު މުހައްމަދު, ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމު، ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ, ސިވިލް ކޯޓުގެ ފަނޑިޔާރު އާދަމް އިބްރާހިމް އިސްމާއިލް, ސިވިލް ކޯޓުގެ ފަނޑިޔާރު އަހުމަދު ރަޝީދުގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރު އަލީ އަބްދުﷲ އެވެ.

އޭގެ އިތުރުން މި މަހާސިންތާގައި ލަންކާގެ ހަ ފަނޑިޔާރަކު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ކާމުގެ މާހިރުންގެ ގޮތުގައި އެމެރިކާގެ ދެ ފަނޑިޔާރުންނާއި ހޮންގްކޮންގު ގެ ފަނޑިޔާރަކުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މަހާސިންތާ ހުޅުވުމުގެ ރަސްމިޔާތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި މަހާސިންތާގެ ޑިސްޕިއުޓް ރިސޮލިއުޝަން އާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ހިންގަމުން އަންނަނީ އާބިޓްރޭޝަން ގާނޫނާ އެއްގޮތަށް، އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.