ޚަބަރު

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވޭ: މައުމޫން

ފަތޯނާ ފާއިޒު

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ކުރީގެ ބައެއް އިލްމުވެރިންނާއި މިހާރުގެ ބައެއް އިލްމުވެރިން ވެސް ވިދާޅުވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި، ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅާއެކު ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ އެކަމަކީ އިސްލާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވަމުންނެވެ.

އަދި އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނިންމާފައިވާ ފަތުވާއެއް ވެސް ވަނީ އާންމުވެފައެވެ.

ނަމަވެސް ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް ތަބަރީ، އިބްނު ހަޒަމް އަދި ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރުގެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔޫސުފް އަލްގަރަދާވީ އާއި އަބްދުލްކަރީމް ޒައިދަން އާއި ސައީދު ރަމަޟާން ފަދަ ބޭފުޅުން ވެސް އެގޮތަށް އިއްތިފާގު ވެލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފައަކަށް އެދި ރައީސް ފޮނުއްވި ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދުގެ ނަން ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ނިންމައިފިއެވެ.

ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓް..