ޚަބަރު

ތިނަދޫ، އައްޑޫ، ފުވައްމުލަކު، ވިލިނގިލި، ދިއްދޫ އަދި ގައްދޫ ފްލެޓުތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުތައް އާންމުކޮށްފި

ސަރުކާރުން ގދ. ތިނަދުއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ގއ. ވިލިނގިލި، ހއ. ދިއްދޫ އަދި ގދ. ގައްދޫގައި އިމާރާތްކުރި ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓުތައް ގެޒެޓުގައި އާންމުކޮށްފިއެވެ.

އެ ހަ ރަށުގައި އިމާރާތްކުރި ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި އެ މީހުންނަށް ލިބުނު ޕޮއިންޓްތައް ވެސް ހިމަނާފައިވެއެވެ.

ތިނަދޫގައި އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން "ކެޓަގަރީ އޭ"ގައި ހިމެނެނީ ތިނަދޫގެ ރައްޔިތުންނަށް ހާއްސަކުރެވުނު 80 ފްލެޓެވެ. އެ ކެޓަގަރީއަށް 580 މީހުންގެ ޝަރުތު ހަމަވެފައިވެއެވެ. "ކެޓަގަރީ ބީ"ގައި ހިމެނެނީ ތިނަދުއަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ހާއްސަކުރެވުނު 25 ފްލެޓެވެ. އެ ކެޓަގަރީއަށް 238 މީހުންގެ ޝަރުތު ހަމަވެފައިވެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން ކެޓަގަރީ އޭގެ ދަށުން ހިތަދޫގެ ރައްޔިތުންނަށް ހާއްސަކުރެވުނު 150 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 446 ފަރާތާއި، ކެޓަގަރީ ބީގެ ދަށުން މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 30 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 54 ފަރާތާއި، ކެޓަގަރީ ސީގެ ދަށުން ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 50 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 77 ފަރާތުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓު ވަނީ އިއުލާންކޮށްފައެވެ.

ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 150 ފްލެޓުގެ ތެރެއިން ކެޓަގަރީ އޭގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ހާއްސަކުރެވުނު 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓަގަރީ ބީގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 20 ފަރާތުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓު ވެސް ވަނީ އިއުލާންކޮށްފައެވެ.

އޭގެ އިތުރުން ގައްދޫގައި އިމާރާތްކޮށްފައިވާ 50 ފްލެޓުގެ ތެރެއިން ދިހަ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ލިސްޓާއި، ދިއްދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ 100 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ލިސްޓު އަދި ވިލިނގިލީގައި އިމާރާތްކޮށްފައިވާ 52 ފްލެޓުގެ ތެރެއިން ނުވަ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ލިސްޓު ވެސް ވަނީ އާންމުކޮށްފައެވެ.