ޖުޑީޝަލް ސާވިސް ކޮމިޝަން

ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަނީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާތީއެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާ (ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުން)ގެ (ށ)ގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ޖޭއެސްސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ދައުވަތު ދޭންވާނެ ކަމަށެވެ.

އަދި އެ ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އޭނާ ހުށަހަޅަން ބޭނުންވާ ނަންތަކެއް މި މާއްދާގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޝަނުން ރިއާޔަތްކޮށްދިނުން އެދި ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

ޖޭއެސްސީން މިއަދު ބުނީ، ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމަށްޓަކައި ނަންތައް ފޮނުއްވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަންގައި އެދިވަޑައިގެންފައިވާތީ، އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، އެބޭފުޅުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު ސިޓީއަކުން އެދި ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

އަދި އެކަމަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޑޮކިއުމަންޓްސް ބަލައިގަތުމަށްޓަކާ މާދަމާގެ މެންދުރު 2:00 އިން ހަވީރު 4:00 އަށް ޖޭއެސްސީ ހުޅުވިފައި ހުންނާނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓަށް އަލަށް ނެގުމަށް ހަމަޖެހިފައިވާ ދެ ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް އެ ކޮމިޝަންގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަދި ކޮމިޝަންގެ އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުގައި ބުނެފައިވާ ފަދައިން ނަންފުޅުތައް ފޮނުވައިދެއްވުން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.