ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްމޫދު ޝާހު، ރައްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، މިނިސްޓަރު ޝާހިދަށް ފޯނުން ގުޅުއްވައި ޖައްމު އަދި ކަޝްމީރު މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން، ކަޝްމީރަށް ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލަން ނިންމި ނިންމުމާ ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިއަދުގެ ފޯން ކޯލުގައި މިނިސްޓަރު ޝާހިދު ވަނީ، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ފޯނުން ގުޅުއްވެވި ކަމަށްޓަކައި ޝުކުރުއަދާ ކުރައްވައިފައެވެ. އަދި ރާއްޖެ އާއި ޕާކިސްތާނަކީ ގާތް ގުޅުމެއް އޮޮންނަ ދެ ގައުމުކަން ފާހަގަކުރައްވައި، ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވާ ކަންކަން ސުލްހަވެރިކަމާއެކު ހައްލު ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.
އެގޮތުން، ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގާތް ގުޅުމަށް އެއްވެސް ހީނަރު ކަމެއް ނާންނާނެކަމުގެ ޔަގީންކަން ވެސް ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް އަރުވައިފައެވެ.
އެގޮތުން، ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ މައިދާނުގައި އެކި ކަންކަމުގައި ދެގައުމުން ގުޅިގެން މަަސައްކަތް ކުރާނެ ކަމުގެ ޔަގީން މިނިސްޓަރު ޝާހިދު ދެއްވިއެވެ.