ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ދެ ބޭފުޅުންގެ ނަން ބަލައިގަންނަން ޖޭއެސްސީން ނިންމައިފިއެވެ.
ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފައަކަށް އެދި ރައީސް ފޮނުއްވި ދެ ބޭފުޅުންނަކީ ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގައި އެ ދެބޭފުޅުންގެ ނަން ބަލައިގަތުމަށް ނިންމީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތަކެއްގެ ގޮތުގައެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާ (ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުން)ގެ (ށ)ގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ޖޭއެސްސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ދައުވަތު ދޭންވާނެ ކަމަށެވެ.
އަދި އެ ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އޭނާ ހުށަހަޅަން ބޭނުންވާ ނަންތަކެއް މި މާއްދާގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޝަނުން ރިއާޔަތްކޮށްދިނުން އެދި ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.
ޖޭއެސްސީން މިއަދު ބުނީ، ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް އެ ކޮމިޝަނުގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަދި ކޮމިޝަންގެ އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުގައި ބުނެފައިވާ ފަދައިން ނަންފުޅުތައް ފޮނުވައިދެއްވުން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.