ދިވެހި ސިފައިންނާއި އެމެރިކާގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަރސައިޒް ބެލެންސް މެޓަލް 19-01" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ސިފައިން ކަމަށާއި މި އެކްސަސައިޒްގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްގެ މެރިންކޯރ އަދި ކޯސްޓުގާޑުގެ ސިފައިން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑިއެފް އިން ބުނީ މި އެކްސަސައިޒް ނިންމުމުގެ ގޮތުން އިއްޔެ އެމްއެންޑިއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާ، ލ. ކައްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝާރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ މެރިންކޯގެ ކޮމާޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ކަމަށާއި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހާއްސް ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް އަހްމަދު ޝާމިންއާއި އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރުންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވި ދެ ގައުމުގެ ސިފައިން ވެސް ބައިވެރިވެފައިވާ ކަމަށެވެ.
މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.