ޚަބަރު

1.5 ބިލިއަން ރުފިޔާގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މިއަހަރު އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި މަސައްކަތްތައް ހަވާލުކުރި ފަހުން އަދި މާ ގިނަދުވަހެއް ނުވާ ކަމަށާއި އަމަލީ މަސައްކަތް އަދި ފެށިގެން ގޮސްފައިނުވާ ކަމަށްވެސް އިއްޔެ ބޭއްވި ބީލަންވެރިންގެ މަހާސިންތާގައި ނޫސްވެރިންނަށް މައުލޫމާތުދެމުން މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށައި ބާރު ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށާއި އެންމެ ބޮޑު ދައްޗަކީ ޓެންޑަރިން ޕްރޮސެސްގެ ތެރެއިން ބައެއް ފަރަތްތަކުން ސައްހަ މައުލޫމާތު ނުދޭތީ ޓެންޑާ އެވޯޑް ކުރުމަށްފަހު ބާތިލު ކުރަން ޖެހުން ފަދަ ކަންކަން ދިމާވުމުގެ ސަބަބުން ޕްރޮސެސް ލަސްވުން ކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތްތަކުގެ ތެރެއިން އެންމެ ޕްރޮޖެކްޓެއް ފިޔަވައި ދެން ހުރި ހުރިހާ ޕްރޮޖެކްޓެއްވެސް ހަވާލުކުރެވިފައިވަނީ ހުޅުވާލެވިފައިވާ އޯޕެން ޓެންޑާއަކުން ކަމަށެވެ.

ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހުރިހާ ކަމެއް ގެންދަން ޖެހޭ ކަމަށާއި މަސައްކަތް ހަވާލުކުރާ ފަރާތަކީ އެ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ފަރާތެއްކަން ކަށަވަރު ކުރުމާއެކު، ފެއާ އިވެލުއޭޝަނެއް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޒިންމާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.