ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެނިކުރާ މީހުންގެ ކެޓަގަރީއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
އަލަތު ކައިވެނިކުރާ މީހުންގެ ކެޓަގަރީއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު ދާދި ދެންމެއަކު ހައުސިން މިނިސްޓްރީން ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ.
އަލަތު ކައިވެނީގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓުތައް އާންމުކޮށްފައިވާ އިރު، އެހެން ކެޓަގަރީތަކުގެ ދާއިމީ ލިސްޓު މިރޭ ވަނީ އާންމުކޮށްފައެވެ. ކެޓަގަރީތަކަކީ ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިން، 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތައް، މާލޭ ރަށްވެހިން، ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ތިބި މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެ ކެޓަގަރީތަކުގައި އެއް ކޮޓަރިއާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނުނު ނަމަވެސް، އަލަތު ކައިވެނި ފްލެޓްތަކަކީ އެއް ކޮޓަރީގެ ފްލެޓްތަކެވެ.
ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ދޭން ފަށައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ މަސައްކަތް ނިންމާލި އިރު، ފްލެޓަށް އެދި ގާތްގަނޑަކަށް 22،614 ފޯމް ހުށަހެޅިއެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓްތައް އިއުލާން ކޮށްފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މަސައްކަތްކުރަމުން ދަނިކޮށެވެ.