ޚަބަރު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

2

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ދާދި ދެންމެއަކު ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު"ގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އާންމުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެއާއެކު ޝަކުވާ ހުށަހެޅުމަށް ވެސް މިނިސްޓްރީން ހުޅުވާލާފައިވެއެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ ކެޓަގަރީތަކަކީ ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިން، 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތައް، މާލޭ ރަށްވެހިން، ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ތިބި މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އޭގެ ތެރޭގައި އެއް ކޮޓަރިއާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނެއެވެ.

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ދޭން ފަށައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ މަސައްކަތް ނިންމާލި އިރު، ފްލެޓަށް އެދި ގާތްގަނޑަކަށް 22،614 ފޯމް ހުށަހެޅިއެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކޮށްފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މަސައްކަތްކުރަމުން ދަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟