އަލީ ރިފްޝާން
ކޯޗު މައުރީޒިއޯ ސާރީއަށް ނިއުމޯނިއާ ޖެހިފައިވުމުން، އިޓާލިއަން ސެރީއާގައި ޔުވެންޓަސް ކުޅޭ ދެ މެޗުގައި އެޓީމުގެ ބެންޗުން އޭނާ ނުފެންނާނެ ކަމަށް ޔުވެންޓަސް އިން ބުނެފިއެވެ.
އުމުރުން 60 އަހަރުގެ ކޯޗު ސާރީއަށް ނިއުމޯނިއާ ޖެހިފައިވުމުން، މިދިޔަ ހޮނިހިރު ދުވަހު ޓްރިއެސްޓީނާ އަތުން ޔުވެންޓަސް މޮޅުވި މެޗާއި މިދިޔަ ހޯމަ ދުވަހު ކުރިއަށްގެންދިޔަ އެ ކްލަބުގެ ފަރިތަކުރުންތަކުން ވެސް ސާރީ ފެނިގެންގޮސްފައެއް ނުވެއެވެ.
ދެ ހަފުތާގެ އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން އިޓާލިއަން ސެރީއާގައި އަންނަ ހޮނިހިރު ދުވަހު ޔުވެންޓަސް އިން ޕާމާއާ ދެކޮޅަށް ނުކުންނަ އިރު، ދެވަނަ މެޗުގައި މިމަހުގެ 31 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ނަޕޯލީއާ ދެކޮޅަށެވެ.
އެންމެ ފަހުން ހެދި ޓެސްޓުތަކުން ސާރީގެ ހާލު ރަނގަޅު ކަމަށް ދެއްކި ކަމުގައިވިޔަސް، ޔުވެންޓަސްގެ ފުރަތަމަ ލީގު ދެ މެޗުގައި އެޓީމުގެ ބެންޗުން ސާރީ ނުފެންނާނެ ކަމަށް އެކްލަބުން ވަނީ ބުނެފައެވެ.
"މައުރީޒިއޯ ސާރީ ވަނީ މިއަދު އިތުރު ޓެސްޓުތަކެއް ހަދާފައި. އެ ޓެސްޓުތަކުން ކުރިއެރުންތަކެއް ފެނިގެންދިޔަ. ނިއުމޯނިއާ އިން ފުރިހަމައަށް ރިކަވާވުމުގެ ގޮތުން، ސެރީއާގެ ފުރަތަމަ ދެ މެޗުގައި ޓީމުގެ ބެންޗުން ސާރީއެއް ނުފެންނާނެ،" ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިދިޔަ ސީޒަނުގައި ޗެލްސީއަށް އިރުޝާދު ދިން ކޯޗު ސާރީ، މިސީޒަނުގައި ޔުވެންޓަސްއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބުގެ ކޯޗަކަށް ސާރީ ގެނެސްފައިވަނީ ކުރިން އެކްލަބަށް އިރުޝާދު ދިން މަސިމިލިއާނޯ އަލެގްރީ، މަގާމުން ދުރުކުރުމަށްފަހުއެވެ.