ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ނުގޮސް ޔުވެންޓަސް ކެޓުމާ ގުޅިގެން އެޓީމުގެ ކޯޗުގެ މަގާމުން މައުރީޒިއޯ ސާރީ ވަކިކޮށް އެމަގާމަށް އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ.
އުމުރުން 41 އަހަރުގެ ޕިރްލޯ އަކީ ދާދި ފަހުން ޔުވެންޓަސްގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ކޯޗެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސްއަށް މީގެ ކުރިން ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު ޕިރްލޭ އެ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވަނީ ދެއަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.
ޕިރްލޯ ވަނީ ދާދިފަހުން ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމުގެ މަގާމާ ހަވާލުވެފައެވެ. ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޕިރްލޯ 2017 ވަނަ އަހަރު ކުޅުން ހުއްޓާލައިފައިވާއިރު މިއީ ބޮޑު ކްލަބެއްގެ ކޯޗެއްގެ ގޮތުގައި އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއަށް ކުޅުނު ޕިރްލޯ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީއަށެވެ. މިހުރިހާ ކްލަބުތަކާ އެކުވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވި ސާރީ އިއްޔެ ވަކިކޮށްފައިވަނީ މި ސީޒަނުގައި އޭނާއާ އެކު އެޓީމުން ދާން ބޭނުންވި ޓާގެޓަށް ވާސިލް ނުވުމުންނެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓި ނަމަވެސް، ސާރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއިން ވަނީ މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.