ޚަބަރު

ބާވީސް ކުއްޖަކަށް އަނިޔާ ކުރި މައްސަލަތައް ހިނގީ މިދިޔަ ސަރުކާރުގައި: ޖެންޑާ

ފަތޯނާ ފާއިޒު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ އެންޓި ޓޯޗާ ރިޕޯޓުގައި ބަޔާންކުރާ ދައުލަތުގެ ބެލުމުގެ ދަށުގައިހުރި 22 ކުއްޖަކަށް އަނިޔާ ކުރި މައްސަލަތައް ފެންމަތިވީ މިދިޔަ ސަރުކާރުގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެންޓި ޓޯޗާ ރިޕޯޓަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެޗްއާރުސީއެމް އިން ހިއްސާކުރަން ޖެހޭ ރިޕޯޓެކެވެ. މިދިޔަ އަހަރުގެ ރިޕޯޓް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ރިޕޯޓް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދިރާސާ ކޮށްފައެވެ.

އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އަދި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އެތަނުގައި ބަލަހައްޓަމުން ގެންދާ ކުދިންނަށް އަނިޔާކުރި މައްސަލަތަކެއް އެޗްއާރުސީއެމުން ވަނީ ނުބަލައެވެ. އެގޮތުން 22 ކުއްޖަކު ހިމެނޭ އެފަދަ 10 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ގދ. ޗިލްޑްރަންސް ސާވިސަސް ސެންޓަރުގައި ކޮންޓުރެކްޓް އުސޫލުން މަސައްކަތް ކުރަމުންދިޔަ ހަތް މުވައްޒަފަކާއި ދާއިމީ މުވައްޒަފަކު ކުދިންތަކެއް ކުރިމަތީ ބަރަހަނާވާ ގޮތަށް އަމަލު ހިންގި މައްސަލައެއް ނުބަލަން ވެސް އެޗްއާރުސީއެމުން ނިންމާފައިވެއެވެ.

އެ ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން އޮޅުން އަރާ ގޮތަށް ހަބަރު ފަތުރަމުންދާތީ ޖެންޑާ މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ހާދިސާތަކަކީ މިދިޔަ ސަރުކާރުގައި ހިނގާފައިވާ ހާދިސާތަކެއް ކަމަށެވެ.

އެގޮތުން 1 ޖުލައި 2018 އިން 30 ޖުލައި 2019 ގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުނު ޓޯޗާގެ މައްސަލަތަކުގައި ޓޯޗާ ކުރެވުނު ކުދިންގެ އަދަދާއި އެ ކުދިންނަށް ކުރި އަނިޔާތަކުގެ ތަފްސީލު ވެސް ޖެންޑާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ތަފްސީލުގައި ބުނާގޮތުން، ޓޯޗާ ކޮށްގެން އެޗްއާރުސީއެމް އިން ނުބެލި 22 ކުދިންނަކީ ވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނެވެ. އެގޮތުން އެތަނުގެ 16 ފިރިހެން ކުއްޖަކަށް އަދި ހަ އަންހެން ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށްވެއެވެ.