ނިންމުންތައް ނިންމާ ފެންވަރުގެ މަތީ މަގާމުތަކަށް އަންހެނުން ކުރިމަތިލުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ގޮވާލައްވައިފިއެެވެ.
މިނިސްޓަރު މިހެން ގޮވާލެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ދެ އަންހެން ބޭފުޅުންގެ ނަން ހުށަހެޅުމަށް ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި ކަނބަލުންނަށް މިއަދު ހުޅުވިގެން ދިޔައީ ފަހި ފުރުސަތެއް ކަމަށެވެ. އަދި އިސް މަގާމުތަކަށް ކުރިމަތިލައްވާ އަންހެނުންގެ ފަހަތުގައި ސަރުކާރު އަބަދުވެސް ހުންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް މ. ސީނާ ޑރ. އަޒްމިރަލްޑާ ޒާހިރާއި މ. ކޮކާހަނދުވަރު އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދުގެ ނަން ރައީސް ސޯލިހު ޖޭއެސްސީގެ ލަފައަކަށް އެދި ފޮނުވީ މިއަދުއެވެ.
ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހ. ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒުމިރަލްދާ އާއި ޝުޖޫން އައްޔަން ކުރެއްވުމާމެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންވިއިރު، އެ މާއްދާގައި ބުނަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ، ޖޭއެސްސީގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.
އަޒުމިރަލްޑާއަކީ މީގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޝުޖޫނަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުރިން ވެސް އޮތް ގޮތަށް ހަތަކަށް ބަދަލުކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ގާނޫނު އިސްލާހު ކުރުމުންނެވެ.