ޝެއިޚް އަލީ ޒައިދު

އަންހެނުން ގާޒީ ކަމަށް އައްޔަނު ކުރުމަކީ އިސްލާމްދީނާ ކަނޑައެޅިގެން ހިލާފު ކަމެއް: ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

5

އަންހެނުން ޝަރުއީ ކޯޓުތަކުގައި އެއްވެސް މަރުހަލާއެއްގައި ގާޒީކަން ކުރުމަކީ އިސްލާމުދީނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒުމިރާލްދާ ޒާހިރާއި އާއިޝާ ސުޖޫން އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ވަނިކޮށް، ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އަންހެނުން ގާޒީކަމަށް އައްޔަނުކުރުމަކީ އިސްލާމީ ޝަރީއަތާއި މި ޝަރީއަތުގެ އުސޫލުތަކާއި ހަމަތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

ޝައިހު އިލްޔާސް ހުސައިނާއި ޑރ. އިޔާޒު ޓެގް ކުރައްވައި ޒައިދު ކުރެއްވި ޓުވީޓުގައި ވަނީ އިސްލާމީ ޝަރީއަތުގައި އަންހެނުން ގާޒީކަމަށް އިސް ކުރުމުގެ ހުކުމާއި ދަލީލާއެކު ހިމެނޭ ޕޯސްޓެއް އާއްމުކޮށްފައެވެ. އަދި އެކަމުގައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތްވެސް ހިމަނާފައި ވެއެވެ.

އަންހެނުން ގާޒީ ކަމަށް އައްޔަންކުރުމުގައި ގިނަ ޖުމްހޫރު އިލްމުވެރިން ބުރަވެލައްވަނީ ހުއްދަ ނޫން ކަމަށް އެލިޔުމުގައި ވެއެވެ. އެގޮތުން ހަތަރު މަޒުހަބުގެ ތެރެއިން ޝާފިއީ މަޒުހަބާއި މާލިކީ މަޒުހަބާއި ހަންބަލީ މަޒުހަބާއި ހަނަފީ މަޒުހަބުގެ ކުރީގެ ބައެއް އިލްމުވެރިންނާއި ފަހުގެ އިލްމުވެރިން ހިމެނެއެވެ.

އަދި ކީރިތި ރަސޫލާއާއި މާތް ހަތަރު ޚަލީފާއިންގެ ހުރިހާ ޒަމާނެއްގައިވެސް ދުވަހަކުވެސް އަންހެނަކު އެއްވެސް ގައުމެއްގެ ވެރިޔަކަށް އަދި ގާޒީ ކަމަށް އިސްކުރައްވާފައި ނުވާކަމަށް އެޕޯސްޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ޒައިދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް ވަކިން ހާއްސަކޮށް، ޖިނާއީ މައްސަލަތައް ބަލަން އަންހެން ކަނބަލުން ގާޒީންގެ ގޮތުގައި އައްޔަނު ކުރުމަކީ ކީރިތި ގުރުއާނާއި ހަދީސްއާ ހިލާފު ބޮޑު މުންކަރާތެއް ކަމަށެވެ. އަދި އެގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި އިލުމުވެރިން ފަތުވާ ދެއްވާފައިވާ ކަމަށެވެ.

ޒައިދުގެ އެ ޓުވީޓާ ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޒައިދު ހާމަކޮށްދެއްވީ ވަރަށް ރަނގަޅު ދިރާސާއެއް ކަމަށާއި އެއީ ކަންއޮތްގޮތް ކަމަށެވެ.

މީގެކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރައްވާފައެއް ނުވެއެވެ. މީގެކުރިން އަޒުމިރަލްދާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އަދި ޝުޖޫން ވަނީ ސިވިލް ކޯޓުގެ ގާޒީ ކަން ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟