ވައިގެ މަގުން ގއ. ކޫއްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ކޫއްޑުއަށް ދަތުރުކުރި ފްލައިޓަކުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކޫއްޑޫ އެއާޕޯޓުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުން، އޭނާގެ ފުރަގަސް ފަރާތަށް މަސްތުވާތަކެތި ޖަހާފައިވާ ކަމަށް ޝައްކުކުރެވިގެން އިއްޔެ ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސް، އޭނާ ފުރަގަސް ފަރާތަށް ޖަހާފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެ ރަބަރު ޕެކެޓު ނަގާފައިވާ ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސް އެ ތަކެތި ނަގަން އުޅުމުގެ ތެރޭގައި އިތުރު ބަޔަކު ހޮސްޕިޓަލަށް އައިސް ހަމަނުޖެހުން ހިންގައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން ހޮސްޕިޓަލް ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމާ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މަސްތުވާތެކެތި އެތެރެކުރަން އުޅުނު 26 އަހަރުގެ މީހާއަށް 12 ދުވަސް ޖަހާފައިވާ ކަމަށާއި 19 އަހަރުގެ މީހާއާއި 27 އަހަރުގެ މީހާއަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.