ޝަހީދާ އަބްދުﷲ ސައީދު
އިމާރާތްކުރުމުގެ ދާއިރާއިން ދައުލަތުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ވަކި ވަރަކަށް ވުރެ އަގު ކުޑަ މަޝްރޫއުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ނިންމައިފިއެވެ.
މިއަދު ފެށި ''ބީލަންވެރިންގެ މަހާސިންތާ 2019'' ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މަޝްރޫއެއްގެ އަގު ވަކި ވަރަކަށް ވުރެ ކުޑަ ވެއްޖެނަމަ ހަމައެކަނި ދިވެހި ކުންފުނިތަކަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ނިންމީ ދިވެހި ވިޔަފާރިތައް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ބީލަންވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މާލިއްޔަތު ގާނޫނުގެ ދަށުން ގެނެވޭނެ ބަދަލުތައް ދެނެގަންނާނެކަމަށާއި އަދި އެ މަސައްކަތުގެ ދަށުން މިހާރުވެސް ބީލަންވެރިންގެ މައްސަލަތައް ބަލާނެ މިނިވަން މުއައްސަސާއެއް ގާއިމްކޮށްފައިވާކަމަށެވެ.
އަދި ބީލަންވެރިންގެ މަސައްކަތް ދެފުށް ފެންނަ ގޮތަަކަށް ކުރުމަށް، ސަރުކާރުގެ އޮފީސްތަކުން ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަަލަން މިނިވަން ކޮމެޓީއެއްވެސް މިހާރު އުފައްދަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމެންޓްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެ އުސޫލަށް އަމަލު ކުރަން ދައުލަތުގެ އޮފީސްތަކަށް އަންގާފައިވާނެ ކަަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ފެށި މަހާސިންތާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފަައްޔާޒު އިސްމާއީލް ބައިވެރިވަޑައިގެންނެވިއެވެ.