އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
އިބޫއާއި ގާސިމް ބައްދަލުކުރެއްވިކަން އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރި ނަމަވެސް، އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތައް ހާމަކޮށްފައެއް ނުވެއެވެ.
ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް، މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގާސިމް ހޮވިވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ވާދަކުރައްވައިގެންނެވެ. ގާސިމް ކުރި ހޯއްދެވީ 62 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަދުރޭއަށް ވޯޓު ދީފައިވަނީ 16 މެމްބަރެކެވެ.
މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެނައުމަށްޓަކައި އޭނާގެ ނަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަސީހު އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމެއް ހަމަޖެހިފައި ވަނިކޮށެވެ.