ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބިމާއި ރަށާއި ފަރުންލިބޭ އާމްދަނީގެ 40 ޕަސެންޓް އަދި ބިމު ކުއްޔާއި ފީ އެއްކޮށް ކައުންސިލުތަކަށް ދޫކޮށްލާނަން: ރައީސް

އިބްރާހިމް ޒަކީ

ކައުންސިލުތަކުގެ ދަށުގައިވާ، ބިމާއި ރަށާއި ފަރު ފަދަ ތަންތަނުން ލިބޭ އާމްދަނީގެ 40 ޕަސެންޓާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމުުގެ ކުލީގެ 100 ޕަސެންޓާއި، ކައުންސިލް ތަކަށް ނަގާ ފީގެ އާމްދަނީ، ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުން ސީދާ ކައުންސިލުތަކަށް ދޫކޮށްލައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ލާމަރުކަޒީ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. ކައުންސިލުތައް ބާރުވެރިކުރުވުމުން ކައުންސިލްތަކުން ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އުމްރާނީ އަދި ގުދުރަތީ ވަސީލަތްތަކާމެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމުން ހިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސްވާނެ ކަމަށެވެ.

މިހާރު އޮތް ގޮތުން މައި ސަރުކާރުގެ ދަށުން ރާއްޖޭގެ ރަށްތައް ވަނީ ނިކަމެތިވެ އެކަހެރިވެފައިކަމަށާއި މި ކަަމަށް ނިންމުމެއް ގެނައުމަށް އެންމެ ރަނގަޅު ކަމަކަށް ފެނުނީ ލާމާރުކަޒީ ނިޒާމެއް ގެނެސް ރައްޔިތުންގެ އަތްމައްޗަށް ބާރުތަކެއް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ ފަހެއް އިންސައްތަ ކައުންސިލުތަކަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުގެ ދަށުގައިވާ ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އަދި ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމުުގެ ކުލީގެ 100 އިންސައްތަ ކައުންސިލްތަކަށް ދޫކުރުމަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ސީދާ ކައުންސިލްތަކަށް ވަންނާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކަށް ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.