ގައުމީ ފުޓްބޯޅަ ޓީމަށް އާ ފިޓްނަސް ކޯޗެއް ހަމަޖައްސައިފިއެވެ.
ގައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މިފަހަރު ގެނެސްފައިވަނީ މޮންޓެނީގްރޯގެ މިރުކޯ ކުރުނިޗެވެ.
ކުރުނިޗް އެ މަގާމަށް ހަމަޖައްސާފައިވަނީ ކުރިން ފިޓްނަސް ކޯޗަކަށް ހުރި މޮންޓެނީގްރޯގެ ކުރުނިޗް ލަޑަމީރުގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެންނެވެ. ލަޑަމީރު މިހާރު މަސައްކަތްކުރަމުން އަންނަނީ މިޔަންމާ ގައުމީ ޓީމުގެ ފިޓްނަސް ކޯޗެއްގެ ގޮތުގައެވެ.
ކުރިއަށްއޮތް ގައުމީ ޓީމުގެ މެޗުތަކުގައި ރާއްޖޭގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭނީ ހެޑް ކޯޗު ޕީޓާ ސެގަޓްއާއި އެސިސްޓަންޓް ކޯޗު އަހްމަދު ޝާކިރު (ޝާކިއްޓޭ) އާއި އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ގޯލްކީޕިންގް ކޯޗު އަސްލަމް އަބްދުއްރަހީމް އަދި ފިޓްނަސް ކޯޗު މިރުކޯ ކުރުނިޗެވެ.
އަންނަ މަހު ރާއްޖެއިން ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެ މެޗަކަށް ނުކުންނާނެއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސްވަނަ ދުވަހު ގުއާމްއާ ދެކޮޅަށް ރަށުން ބޭރުގައި ރާއްޖެ ނުކުންނަ އިރު، އަންނަ މަހުގެ ދިހަވަނަ ދުވަހު ރާއްޖެއިން އަމިއްލަ ދަނޑުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނެއެވެ.
އެ ދެ މެޗަށް ތައްޔާރުވުމަށް ކުރިން މެލޭޝިއާގައި ގައުމީ ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް އެގައުމަށް ދިއުމަށް އެމެރިކާގެ ވިސާ ހޯދަން ޖެހޭތީ، މިވަގުތު ގައުމީ ޓީމު ކޭމްޕް ކުރަމުން އަންނަނީ ސްރީލަންކާގައެވެ.