ވޮލީބޯޅަ އެސޯސިއޭޝަން

ވީއޭއެމްގެ މައްސަލައިގައި ލަތީފް އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފި

އަލީ ރިފްޝާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގުން ވަގުތީ ގޮތުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމި ނިންމުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެ އެސޯސިއޭޝަންގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އެދުމުން، ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމުގެ އިތުރުން އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް ސިވިލް ކޯޓުގައި ލަތީފް އެދިފައިވެއެވެ.

މިމަހުގެ އަށްވަނަ ދުވަހު ސިވިލް ކޯޓުން ނިންމި އެ ނިންމުމުގައި ބުނެފައިވަނީ، ޝަރީއަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުގައިވާ ގޮތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތުގެ ކަމެއް އޮތްކަން އެނގެން ނެތަތީއާއި ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކުރާ އިރު، ދައުވާކުރާ ލަތީފުގެ ފަރާތުން އެދިފައިވާ ގޮތަށް މިވަގުތު ވަގުތީ އަމުރެއް ނެރެދީފި ނަމަ، އެ ދައުވާގެ މައުޟޫއުގައި ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެ ކަމަކަށް، މިކަން ވެގެންދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭތީ، ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ކޮމިޝަނަރ އޮފް ސްޕޯޓްސް އިން، ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައިވަނީ އެ އެސޯސިއޭޝަނާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށް ބުނެއެވެ. ހަމަ އެ ދުވަހު އެސޯސިއޭޝަންގެ ހިންގުމާއި އޮފީހާއި ލިޔެކިޔުންތަކާއި ސާމާނާއި ވަސީލަތްތައް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރުމަށް ވީއޭއެމްއަށް ވަނީ އަންގައިފައެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް ލަތީފް މައްސަލަ ހުށަހަޅާފައިވަނީ، ވީއޭއެމްއާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ހުޅުވާލައިފި ނަމަ، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިންތިހާބުވެފައިވާ ހިންގާ ކޮމިޓީގެ ދައުރު، ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަނުވަނީސް، އެ ކޮމިޓީގެ މެމްބަރުން މަގާމުން ދުރުކުރެފައިވުމުގެ ސަބަބުން އެ މެމްބަރުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ފާހަގަކޮށެވެ.

އޭގެ އިތުރުން ވީއޭއެމްއަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބިފައިވާ މެމްބަރޝިޕަށް އިއާދަނުކުރެވޭ އަސަރުތަކެއް ކުރާނެކަމާއި މިއަހަރުގެ ތެރޭގައި ރާއްޖެ ބައިވެރިވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ވޮލީބޯޅަ މުބާރާތްތަކުގައި ގައުމީ ޓީމުތައް ބައިވެރިކުރުމަށް ހުރަސްއެޅިގެންދާނެކަން ވެސް ލަތީފުގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.