ކުރީގެ ދެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖޭގައި އޮތީ ދަރަންޏާއި ކޮރަޕްޝަން ކަމަށާއި މި ސަރުކާރުން އެ ގެންދަނީ އެކަންކަމުން ގައުމު ސަލާމަތް ކުރަމުން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މަޖިލީހުގެ މާމިނގިލި ދައިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް އަލަށް ގުޅުނު މެންބަރުން ސޮއިކުރުމަށް މިރޭ އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ، މި ސަރުކާރަށް ކަމެއް ނުވެގެން އުޅޭ ވާހަކަ ގިނަ ބަޔަކު ދައްކާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދޮޅު އަހަރު ވެގެން ދިޔައިރު ވެސް މާކަބޮޑު ކަންތައްތަކެއް ނުހިނގާ ކަމަށެވެ.
އޭގެ ބަދަލުގައި އެ ސަރުކާރުތައް ނިމުނުއިރު ރާއްޖޭގެ ދަރަންޏާއި ކޮރަޕްޝަން އޮތް މިންވަރު ބެލުން މުހިއްމު ކަމަށް ގާސިމް ވިދާޅުވިއެވެ.
''ރައްޔިތުންގެ މެދުގައި އޮންނަންވީ ހަމަހަމަ ކަމާއި ރައްޔިތުންނަށް ލިބިފައިވާ އަނިޔާ އާއި ނިކަމެތިކަން އަޅުގަނޑުމެން އިހުސާސްކުރަން އެބަޖެހޭ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެދަނީ ހުރިހާ ލޯވަޅެއް ބައްދަވަމުން، އެ ހުރިހާ މުޑުދާރު ކަންތައްތަކުން ގައުމު ސަލާމަތް ކުރެއްވުމަށް ކުރައްވާ ގަދަ މަސައްކަތްތަކެއް ކުރައްވަމުން'' ގާސިމް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުގައި ދައުލަތުގެ ފައިސާގެ ބޮޑު އަދަދުތަކެއް ގެއްލި ދައުލަތުގެ ކުންފުނިތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި އެއްވެސް އެއްޗެއް ނެތްކަން ފާހަގަކުރައްވާ ގާސިމް އިތުރަށް ވިދާޅުވީ، ޕެންޝަންގެ ފައިސާއިން ސަރުކާރަށް އެކި ނަންނަމުގައި ބޮންޑު ނަގައި ހުސްކޮށް، މިހާރުވެސް ކުރީގެ އެތައް ބިލް ތަކެއް ނުދެއްކި ފުނިޖެހިފައިވާ ކަމަށެވެ. އަދި ނުދައްކާ ހުރި ހުރިހާ ބިލްތަކެއްގެ ފައިސާ ދައްކަން ޖެހުނީ ވެސް މި ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ނުކުރެވި ހުރި ކަންކަން ފުރިހަމަނުކޮށް އިތުރު ކަންކަމައިގެން ކުރިއަށް ވަޑައިނުގަންނަވަން ރައީސް ސޯލިހު ނިންމެވި ނިންމެވުމަކީ އެމަނިކުފާނުގެ ސަރުކާރަށް ކަންތައްތަކެއް ނުކުރެވިގެން ބަދުނާމު ކުރަން ޖެހޭ ސަބަބެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ވެސް ތައުރީފު ކުރައްވާ މިރޭ ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވެސް ގަނޫނުތަކަށް އެކި އިސްލާހު ގެނެސްގެން ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ސަރުކާރު ކޯލިޝަން އަދިވެސް އޮތްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ރައީސް ސޯލިހުގެ ހަރުދަނާ ސިޔާސަތުގެ ތެރޭގައި ކޯލިޝަން ރޫޅާ ނުލައްވާ ކުރިއަށް ގެންދަވާކަން އެކި ޖަލްސާތަކުގައި ވިދާޅުވުމާއެކު އަމަލުން އެކަން ދައްކަވަމުން އަންނަ ކަމަށެވެ.