މާލެ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިންއެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އިއުލާނުކޮށްފިއެވެ.
ގެޒެޓުގައި އިއްޔެ އެމްޑަބްލިއުއެސްސީން ވަނީ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިން އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށަހެޅުމަށް އިއުލާނުކޮށްފައެވެ. އެމްޑަބްލިއުއެސްސީން އާންމު ކުރި ގޮތުގައި ކުރޫޒް ޓާމިނަލް ބިލްޑިން އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމަށް ކުރިމަތިލެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދެއްކުމުންނެވެ.
ބީލަމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމްޑަބްލިއުއެސްސީ ކަސްޓަމާ ބިލްޑިންއަށް ބީލަން ފައިސާ ދެއްކެވުމަށް އެމްޑަބްލިއުއެސްސީން އެދެއެވެ. އެމްޑަބްލިއުއެސްސީން މައުލޫމާތު ދިން ގޮތުގައި ބީލަން ފޮތުގެ ފައިސާ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް ބިލްޑިން އިން ބަލައިގަތުމަށް ވަނީ ހަމަޖައްސައިފައެވެ. ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާއެވެ.
އެމްޑަބްލިއުއެސްސީން މައުލޫމާތު ދިން ގޮތުގައި ބީލަން ފޮތް ދޫކުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ރަސްމީގަޑީގައި ފެން ބިލްޑިންގެ ފަސްވަނަ ފަންގިފިލާއިންނެވެ. އަދި ޕްރީ-ބިޑް ބައްދަލުވުން ކުރިއަށްދާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ހެނދުނު 11:00ގައި ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.
ބިޑަށް ހުށަހެޅުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހުގެ ހެނދުނު 11:30ގައި ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. އަދި ބީލަމަށް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 10،000 ރުފިޔާ ކަމަށް އެމްޑަބްލިއުއެސްސީން އާންމު ކުރި އިއުލާނުގައިވެއެވެ. އެގޮތުން ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓި ލެޓަރ ކަމަށާއި ބިޑް ކާމިޔާބު ކުރާ ފަތާތަކުން ޕާފޯމަންސް ގެރެންޓިގެ ގޮތުގައި ބިޑް ކުރާ އަދަދުގެ ދިހަ އިންސައްތަ ބިޑް ކާމިޔާބު ކުރާތާ 14 ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭ ކަމަށް އެމްޑަބްލިއުއެސްސީގެ އިއުލާނުގައި ވެއެވެ.
އާންމުންނަށް ބޭނުން ކުރެވޭނެ ފާހާނާތަކަކާއެކު މަސްވެރިންގެ ޕާކުގައި ކްރޫޒް ލައިނާ ޓާމިނަލެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.