ޚަބަރު

ފަރުވާއަށް ފަހު އަދީބު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ވިދާޅުވީ އަދީބު އަލުން ޖަލަށް ބަދަލުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ މިމަހު 15ގައި ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ކަމަށް މީގެ ކުރިން ނަސީމް ވަނީ މައުލޫމާތު ދީފައެވެ.

އަދީބު އިއްޔެ އަލުން ޖަލަށް ބަދަލު ކުރެވިފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި މާދަމާ ބާއްވާ ޝަރީއަތުގައި އަދީބުގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖައްސައިފައެވެ. މިކަމާ ގުޅޭގޮތުން ކަރެކްޝަނާ ސުވާލުކުރުމުން ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހު އަދީބު، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގައި ދައުލަތުން އަދީބުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިފައިވުމުން ސުޕްރީމް ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް މިމަހުގެ އަށްވަނަ ދުވަހު އަމުރުކޮށްފައެވެ.

އެއަށްފަހު އަދީބު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެވެ.