ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި މާދަމާ ބާއްވާ ޝަރީއަތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގަން ހަމަޖައްސައިފިއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:30 އަށް ވަނީ ތާވަލުކޮށްފައެވެ.
އެގޮތުން މާދަމަ ފުރަތަމަ އޮންނާނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނެގުމެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް އޭނާގެ ހެކި ބަސް ނެގިއެވެ. މުއައްވިޒުގެ ހެކިބަހަށްފަހު ދެން އޮންނާނީ އަދީބުގެ ހެކި ބަސް ނެގުމެވެ. މާދަމާގެ އަޑުއެހުމުގައި އަދީބަށްފަހު އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހެކި ބަސް ދެއްވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީނާ ދެކޮޅަށް އެމަނިކުފާނުގެ އެއް އިރެއްގެ އެންމެ އަރިސް ބޭފުޅާ އަދީބުގެ ހެކިބަސް މާދަމާ ނަގާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ދައުލަތާއި އޭނާއާ ދެމެދު ވަނީ ހަދައިފައެވެ.
އެ އެއްބަސްވުން ހެދުމަށްފަހު އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނިކޮށް އޭނާ އަތުލައިގަނެ، ރާއްޖެ ގެނައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ރައީސް ޔާމީނާ ދެކޮޅަށް އަދީބާއި އޭސީސީގެ ރައީސް މުއްވިޒުގެ އިތުރުން ދެން ހުށަހަޅާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ސަމީރާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑުގެ ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއީލެވެ.
އަދި ކިތާބީ ހެކިންގެ ގޮތުގައި އޭސީސީގެ އެސްކްރޯ އެކައުންޓް އެއްބަސްވުމާއި އޭސީސީގެ ތަހުގީގު ރިޕޯޓާއި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާއި ރައީސް ޔާމީން އޭސީސީއަށް ދީފައިވާ ބަޔާނާއި މައްސަލައިގައި ހިމެނޭ ޓްރާންސެކްޝަންތަކުގެ ޗެކް ތަކާއި ސްލިޕް ތަކާއި ބޭންކް ސްޓޭޓްމަންޓްތަކުގެ އިތުރުން ރައީސް ޔާމީންގެ މާލީ ބަޔާން ވެސް ދައުލަތުން ވަނީ ހުށަހަޅައިފައެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިތައް ވެސް ހުށަހެޅިއެވެ.
އެ ގޮތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އަލްޖަޒީރާގެ ސްޓީލިން ފެރެޑައިސް ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ދޮގުކޮށް އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެކެވެ.