ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި ހެކިބަސް ދިނުމަށް ތަނާޒުލްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް، ހަސަން ލުތުފީ ކުރެއްވި ފޭސްބުކް ޕޯސްޓް ނަންގަވައިފިއެވެ.
ލުތުފީ އަކީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފައީ ހެއްކެކެވެ.
ލުތުފީގެ ހެކިބަސް ހޯދަނީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކުރި ކަމަށް ވިދާޅުވުމުން އެކަން އިތުރަށް ވެރިފައި އޭރު ނުކުރާ ކަމަށް އޭސީސީގެ މިހާރުގެ ރައީސް މުވައްވިޒު ރަޝީދު ޝަރީއަތުގައި ވިދާޅުވުމުންނެވެ.
ނަމަވެސް އެ މައްސަލައިގެ ހެކިބަސް ނެގުމުގެ ޝަރީއަތް މާދަމާ 9:30 އަށް ތާވަލް ކޮށްފައިވަނިކޮށް ލުތުފީ އޭނާގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލާގައި އަދުލުވެރި ހެކިބަހެއް އަދާކުރެވޭ ފަދަ މާހައުލެއް މިވަގުތު ގާއިމް ވެފައި ނެތުމުގެ ސަބަބުން އޭނާގެ ފުރާނައަށް އޮތް ނުރައްކަލަށްޓަކައި އެ މައްސަލާގައި ހެކިބަސް އަދާކުރުމަށް ތަނާޒުލުވާ ކަމަށެވެ.
ނަމަވެސް އެ ޕޯސްޓް މިހާރު ވަނީ އޭނާގެ ފޭސްބުކުން ނަންގަވައިފައެވެ. ނެންގެވި ސަބަބެއް އަދި ނޭނގެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް ވަނީ އަޑުއެހުމެއް ބާއްވައިފައެވެ.
އެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެފައިވަނީ، އެސްކްރޯ އެކައުންޓެއް ހެދީ އެސްކްރޯ އެކައުންޓަކަށް ފައިސާ ހަވާލު ކުރަން ބޭނުންކަމުގެ އިޝާރާތެއް ރައީސް ޔާމީންގެ ފަރާތުން އޭސީސީއަށް ދެއްވުމުން ކަމަށެވެ. އަދި އެ އިޝާރާތް ރައީސް ޔާމީން ދެއްވީ އޭސީސީގެ އޭރުގެ ރައީސް ލުތުފީއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.