ޖުޑީޝަލް ސާވިސް ކޮމިޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ދިރާސާ ބޮޑު ރިޕޯޓް މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ އެތައް ކަމެއް ދިރާސާ ކުރުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ. އަދި އެ ރިޕޯޓްގައި ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮށްފައިވާ 20 އަށްވުރެ ގިނަ މައްސަލަ އާއި އެ މައްސަލަތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ވަނީ އެނގިފައެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުން އެ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް އެ ކޮމިޝަނުން ނިންމައި އެކަން ދިރާސާކުރުމަށް އެކުލަވާލެވުނު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

އެ ނިންމެވުން ނިންމެވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކުގެ ދިރާސާ ރިޕޯޓެއް މަޖިލީހަށް ހުށަހެޅިއިރު ޖޭއެސްސީން މީގެ ކުރިން ވަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ނިންމައިފައެވެ.