ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

މާލޭގެ ތަރަައްގީއާ ގުޅޭ ގޮތުން ނައިބު ރައީސް ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު

މާލެ ސިޓީގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މާލެ ސިޓީ ކައުންސިލުގެ ކައުންސިލަރުންނާ މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ކުރީގެ ސަރުކާރުން ސިޓީ ކައުންސިލުގެ އަތުން ނަގާފައިވާ ބައެއް ބާރުތައް ސިޓީ ކައުންސިލަށް އަނބުރާ ހޯދައިދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މާލެ ސިޓީގައި ހުރި ދަތި މައްސަލަތައް ހައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، މާލޭގެ ތަރައްގީއަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ކަންކަމުގެ ތެރޭގައި މާލެ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ކުރަންހުރި ކަންކަމާއި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްގީގެ އެކިއެކި ކަންކަމާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން ވަނީ މާލެ ސިޓީގެ ތަރައްގީއަށް ސިޓީ ކައުންސިލުން ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި އަދި މިހާރު ކުރިޔަށްގެންދަވާ ބައެއް މަޝްރޫއުތަކާއި ކަންކަމުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރެއްވިއެވެ.

އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫއުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.