ޚަބަރު

ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

މިއީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރި ސަސްޕެންޝަނާ ގުޅިގެން ފަނޑިޔާރު އަބުދުﷲ ދީދީ ސުޕްރީމް ކޯޓުގެ ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެކެވެ.

މާދަމާގެ މެންދުރުފަހު 1:15 އަށް ސުޕްރީމް ކޯޓުގައި މިއައްސަލަ ތާވަލް ކޮށްފައި މިވަނީ ފަނޑިޔާރު އަބުދުﷲ ދީދީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ތާވަލްގައިވާގޮތުން މާދަމާގެ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބައްލަވާނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ، އާއި ފަނޑިޔާރު އާދަމް މުހައްމަދު އާބްދުﷲ، އާއި ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދެވެ.

ޖޭއެސްސީއިން ސަސްޕެންޝަން ކުރި މައްސަލާގައި ފަނޑިޔާރު އަބުދުﷲ ދީދީ ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގައި މީގެކުރިން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ސަސްޕެންޝަން ފަަސްކޮށް މައްސަލައިގެ ޝަރީއަތް ނުނިމެނީސް ޖޭއެސްސީން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް ޖޭއެސްސީއިން ވަނީ އެ އަމުރަށް ތަބާނުވާން ނިންމައިފަ އެވެ. އަދި ފަނޑިޔާރު ދީދީގެ ތަހުގީގު ވެސް ކުރިއަށް ގެންގޮސްފައެވެ.

ހުޅުވާލައިގެން ފަނޑިޔާރު ދީދީގެ ތަހުގީގު ކޮމެޓީ ކުރިއަށް ގެންދިޔަ އެވެ. އެ ކޮމެޓީ ބައްދަލުވުމުގައި ފަނޑިޔާރަށް ގިނަ ތުހުމަތުތަކެއް އަމާޒުވި އެވެ. ނަމަވެސް ތުހުމަތުތަކަށް އެއްވެސް ޖަވާބެއް އެ ދުވަހު ނުދެއްވި އެވެ. ފަހުން ފަނޑިޔާރު ވަނީ ލިޔުމުން ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވާފަ އެވެ.