ޝަހީދާ އަބްދުﷲ ސައީދު
އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލުތަކަށް ދީގެން، ކައުންސިލުތަކުގެ ބަޖެޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދާނަކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރުނބާ މޯލްޑިވްސްގައި ބާއްވާ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށާއި އަދި ބިމުގެ ކުލިން ލިބޭ އާމްދަނީގެ ވަކި ބައެއް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާ މިފަދަ ކަންތައްތަކުގެ ސަބަބުން ކައުންސިލުތަކުގައި ހުރި މާލީ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އެހެންކަމުން ދައުލަތުން ކައުންސިލުތަކަށް ދޭ ފައިސާ އަންނަ އަހަރު އިތުރުވެގެންދާއިރު ކައުންސިލުތައްވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ގިނަ ކައުންސިލުތަކާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަންވެސް ކައުންސިލުތަކަށް ލިބިފައި ނެތް ކަން ފާހަގަކުރެވުނު ކަމަށެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ކައުންސިލަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ފިނޭންސް މިނިސްޓްރީ ތެރޭގައި ލޯކަލް ކައުންސިލް ކޯޑިނޭޝަން ޔުނިޓްގެ ނަމުގައި ހާއްސަ ޔުނިޓެއްވެސް ގާއިމްކޮށްފައިވާނެ ކަމަށެވެ. މި ޔުނިޓުގެ ތެރެއިން ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކާ ވެސް ގާތް ގުޅުމެއް އުފެއްދިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މި ޔުނިޓުގެ ސަބަބުން ކައުންސިލުތަކުގެ ހާލަތު ގާތުން ބަލައި، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސިޔާސީގޮތުންނާއި މާލީގޮތުން ވެސް ގައުމު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމުގައި އަމީރު ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޓޫރިޒަމް މާސްޓާ ޕްލޭނާއި ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭނެއް އަލުން އެކުލަވާލާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ މަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ވަނީ ބައިވެރިވެފައެވެ.