ޚަބަރު

ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އިބޫގެ ހުވާކުރެއްވުން ގަލޮޅު ދަނޑުގައި

އަހުމަދު ޖައިޝަން

2

މި މަހުގެ 17 ގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާކުރެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށާއި އެ ޖަލްސާ ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދެވުމަށް ނިންމައިފި އެވެ.

ގަލޮޅު ދަނޑުގައި އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ޖަލްސާ ބޭއްވުމަށް މަޖިލީހުން ނިންމާފައިވާ އިރު، ވީހާވެސް ގިނަ ބަޔަކަށް ވަދެވޭނެ ގޮތަށް އެ ޖަލްސާ ގަލޮޅު ދަނޑުގައި ބޭއްވުމަށް އިންތިހާބީ ރައީސްގެ އޮފީހުން މަސައްކަތްކުރަމުންދާކަން އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދާ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހްގެ ހުވާކުރެއްވުމުގެ ޖަލްސާ ބާއްވާނީ ރާއްޖޭގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ވަރަށް ކުލަގަދަކޮށް ކަމަށެވެ.

"މިއަހަރަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީވެ ކުރިންވެސް ދެކެވެމުން އައި ގޮތަށް ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރެއްވުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މިއަދު ފަށްޓަވައިފި،" މޫސާ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ނަމަވެސް 17 ގައި ޖަލްސާ ބޭއްވުމަށް ނިންމާފައިވާއިރު މަޖިލީހުގައި މިހާރުވެސް ދަނީ އެ ކަންތައްތަކަށް ތައްޔާރުވަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވީހާވެސް ގިނަ އަދަދަކަށް މީހުން ބައިވެރިކޮށްގެން މަޖިލީހުގެ ޖަލްސާ ބޭއްވެން އޮތް ތަނަކީ ގަލޮޅު ބޯޅަ ދަނޑުކަމަށް ވާތީވެ، ގަލޮޅު ބޯޅަ ދަނޑުގައި ވީހާވެސް ޖާގަ އޮތް ވަރަކުން ވަދެވުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އިންތިހާބީ ރައީސްގެ އޮފީހާ އެކީ މަސައްކަތް ކުރަނީ،" އޭނާ ފާހަގަކުރެއްވި އެވެ.

މޫސާ ވިދާޅުވީ މިހާރު އެ ޖަލްސާއަށް ވަޑައިންނަވާ ފަރާތްތަކަށް ދައުވަތު ދެއްވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ލަފާކުރެވޭގޮތުގައި 10،000 އެއްހާ ފަރާތަކަށް ދައުވަތު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟