ޚަބަރު

އެންސްޕާ ޖެންޑާ މިނިސްޓްރީއަށް ބަދަލު ކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެމުން އަންނަ އެންސްޕާ އިން ދޭ ހިދުމަތްތައް، ހެލްތު މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ބަދަލު ކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިިން އެއިސްލާހު ފާސްކުރީ، ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެެރެއިން 70 މެނބަރުން ވޯޓު ދެއްވައިގެންނެވެ.

ސަރުކާރުގެ ފަރާތުން އެ ހިދުމަތް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ހުށަހެޅި މި އިސްލާހު ގެންނަނއ މަޖިލީހުން ފާސްކޮށްފައިވަނީ އެ ގާނޫނުގެ 42 ވަނަ މާއްދާއަށެވެ.

ގާނޫނުގެ 42 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ، އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގުމަށްޓަކައި "ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" އޮންނަން ޖެހޭނެ ކަމަށެވެ. އަދި މި ހިދުމަތް ހިނގަމުންދާނީ ސިއްހަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ވަޒީރުގެ މަސްއޫލިއްޔަތުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނަށް ހުށަހަޅައި މަޖިލީހުން މިއަދު ފާސްކުރީ ހެލްތު މިނިސްޓަރުކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާ، ރައްޔިތުންނަށް އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ބަދަލު ކުރުމަށެވެ.