ޝަހީދާ އަބްދުﷲ ސައީދު
މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ނޮވެންބަރު މަހުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެމަގުސަދު ހާސިލުކުރަން މަސައްކަތް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި، ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ހުސްވި ޖުލައި މަހު 132،144 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު އަށް ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 994،733 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރާ އަޅާބަލާ އިރު މިއީ 17.2 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ. ދެވަނައަށް އިންޑިއާ އަދި ތިންވަނައަށް އިޓަލީ ހިމެނެއެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމުގެ ތެރޭގައި ހަތަރުވަނައަށް ހިމެނެނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތެވެ.
އަދި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި 49،095 ޓޫރިސްޓު އެނދު ރެޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރެއިން އެވްރެޖުކޮށް 45،983 އެނދު އޮޕަރޭޓްކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.
މި މުއްދަތުގެ ތެރޭގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މިންވަރު އެވްރެޖުކޮށް 13 ޕަސެންޓު އިތުރުވެފައިވާއިރު، މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި 6.3 ދުވަސް އެވްރެޖުކޮށް ހޭދަކޮށްފައިވެއެވެ.