މިނިސްޓަރު ފައްޔާޒް އިސްމާއިލް

ގާނޫނަށް ގެންނަ އިސްލާހުން ޓެކްސް ފިޔަވައި އިތުރު ފީއެއް ވިޔަފާރިއަށް ދައްކާކަށް ނުޖެހޭނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން، ކުރާ ވިޔަފާރިތަކުން ދައްކަން ޖެހޭނީ ޓެކްސް އެކަނި ކަމަށާއި އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގައި ހުރި މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން އެ ބިލުގެ ކަންތައް މަޖިލީހުގެ މެންބަރުންނަށް އޮޅުން ފިލުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ބިލުގެ މަގުސަދަކީ ކުރާ ހުރިހާ ވިޔަފާރިއެއް އެއް ފުރާޅެއްގެ ދަަށަށް ގެންގޮސް އެ ވިޔަފާރިތަކަކީ ކުރެވެމުންދާ ވިޔަފާރިތަކެއްްކަން މިނިސްޓްރީއަށް އެނގިފައި އޮތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގަރާޖު ހިންގުން ފަދަ ބައެއް ވިޔަފާރި ތަކަކީ އެއްވެސް ގޮތަކަށް އެމައުލޫމާތު މިނިސްޓްރީއަށް ނޭނގި ކުރިއަށްގެންދާ ވިޔަފާރިތައް ކަމަށެވެ. އެހެންކަމުން މި އިސްލާހު ގެނައުމުގެ މަގުސަދު ތަކުގެ ތެރޭގައި ވިޔަފާރިއާ ގުޅޭ ހުރިހާކަމެއް އެއްފުރާޅެއްގެ ދަށަށް ގެންގޮސް އެ ހުރިހާ މައުލޫމާތެއް މިނިސްޓްރީއަށް ނަގައި އާއްމުންނަށް ލިބޭގޮތަށް ބެހެއްޓުން ހިމެނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއިސްލާހުގެ ސަބަބުން ސައިހޮޓާ، އަދި ކެންޓީން ފަދަ ތަންތަން ވަކިން ރަޖިސްޓްރީކޮށްގެން މަހު ފީގެ ގޮތުގަައިނަގާ 200 ރުފިޔާ ކަނޑައިލެވޭނެ ކަމަށެވެ. އަދި އެގޮތަށް އެތަންތަން ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި އެ ވިޔަފާރި ހިންގާ ކަމުގެ މައުލޫމާތު ޖެހޭނީ މިނިސްޓްރީއަށް އަންގައިލުމަށެވެ.

އެހެންކަުން ހަމައެކަނި އިތުރު ފީއެއް ދެއްކުމުގެ ބަދަލުގައި ބޭނުންވަނީ ވިޔަފާރި ކުރާ ފަރާތަކުން ޓެކްސް އެކަނި ދެއްކުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"200 ރުފިޔާ މަހުފީ ދައްކާކަށް ނުޖެހޭނެ. އެއް މަހު ނުދެއްކިގެން ޖޫރިމަނާ އަރައިގެން އެހުއްދަ ބާތިލުވާ ބާތިލުވުން ނިމުމަކަށް މި ގެންނަނީ. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ އެބޭފުޅުން މަސައްކަތްކޮށްފަ ފައިދާ ހޯދައިފަ އޭގެ ޓެކްސް ސަރުކާރަށް ދިނުން،" މިނިސްތަރު ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވާލައި ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ފަސޭހަ ގޮތްތަކެއް ހިމަނައިގެންނެވެ.

މި ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވުނީ ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ވިޔަފާރިތައް މި ގާނޫނަށް އަމަަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ. އަދި އެ ގާނޫނުގެ ހަވަނަ މާއްދާގައި ވަނީ ބިދޭސީންނަށް ކުރެވޭ ވިޔަފާރީގެ ޝަރުތުތަކާއި، އުސޫލު ކަނޑައަޅައިފައެވެ.

އެގޮތުން، އެފަދަ ފަރާތަކުން ކުރާ ވިޔަފާރިއެއް ނަމަ އެ ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު، ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ޖެހެއެވެ. އަދި އެ ވިޔަފާރިއަކީ، ގަނޑުކޮށް މުދާ ވިއްކުމުގެ ވިޔަފާރިއަކަށްވުމާއި ވިޔަފާރިކުރާ ފަރާތަކީ އިތުބާރު އޮތް ފަރާތެއް ކަމަށް ބަޔާންކޮށް ސަރުކާރު ގަބޫލުކުރާ ބޭންކަކުން ދޫކޮށްފައިވާ ލިޔުމެއް ވެސް އޮންނަން ޖެހެއެވެ.

ނަމަވެސް އެ ބިލުން މި ގާނޫނުގެ ހަ ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ޖެހޭކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މާއްދާ އުވިގެންދާނެއެވެ.

މީގެ އިތުރުންވެސް މުހިއްމު އިސްލާހު ތަކެއް މި ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލުން އެ ގާނޫނުގެ އެގާރަ މާއްދާއަކަށް އިސްލާހު ހުށަހަޅައި ބައެއް، އަކުރުތައް މަދުކޮށް އަދި ބައެއް މާއްދާތަކަށް ބައެއް އަކުރު އިތުރު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ.