މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ތ. އަތޮޅުގެ ދެރަށަކާއި ޅ. އަތޮޅުގެ ރަށެއްގައި މަޝްރޫއު ހިންގަން އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތ.އޮމަދޫއާއި، ދިޔަމިގިލީގެ އިތުރުން ޅ. ކުރެންދޫގައި މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީދިނުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީން ތިން ކައުންސިލާއެކު ސޮއިކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ޅ. ކުރެންދޫއާއެކު ސޮއިކުރީ އެރަށު ގަބުރުސްތާން ވަށާފާރު ރޭނުމަށް އެހީދިނުމުގެ އެއްބަސްވުމުގައި ކަމަށާއި މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖައްސާފައިވަނީ 300،000.00 ރުފިޔާ ކަމަށާއި ކުރެންދޫ ކައުންސިލްގެ ފަރާތުން މިމަޝްރޫއަށް 320،000.00 ހަރަދުކުރާނެކަމުގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އަދި ކުރެންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިސްމާއީލް މަދީހުއެވެ.

ތ. އޮމަދޫގެ ކައުންސިލާއެކުވެސް ސޮއިކޮށްފައިވަނީ ގަބުރުސްތާން ވަށާފާރު ރޭނުމަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މިމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ދިނުމަށް ހަމަޖައްސާފައިވަނީ 300،000.00 ރުފިޔާ ކަމަށާއި އޮމަދޫ ކައުންސިލުން މިމަޝްރޫއަށް 200،000.00 ރުފިޔާ ހަރަދުކުރާނެކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އަލީ ނަޒީރު އަދި އޮމަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހާރޫން މުހައްމަދެވެ.

ތ. ދިޔަމިގިލި ކައުންސިލާއެކު މިއަދު އެރަށުގައި މަގުބައްތި ޖެހުމަށް އެހީދިނުމަށް ސޮއިކޮށްފައިވާއިރު، މިމަޝްރޫއަށް މިނިސްޓްރީން ދޭނީ 300،000.00 ރުފިޔާ ކަމަށާއި ދިޔަމިގިލި ކައުންސިލުން މިމަޝްރޫއަށް 151،550.00 ހަރަދުކުރާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިޔަމިގިލި ކައުންސިލްގެ ފަރާތުން ރައީސް މުހައްމަދު ވިޝާމް އަދި މިނިސްޓްރީގެ ފަރާތުން އަލީ ނަޒީރު އެވެ.