އިބްރާހިމް ޒަކީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރުމަކީ، އެންމެންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި، ބިދޭސީން ވިޔަފާރި ކުރުމުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ ދިވެހިން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުުގެ ގާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާބެހޭ މައުލޫމާތު މަޖިލިސް މެންބަރުންނަށް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ހިލާފަށް ބިދޭސީިން ވިޔަފާރިކުރުވުން ހުއްޓުވުމަށް އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ވަރަށްބުރަ މަސައްކަތްތަކެއް، ވަރަށްގިނަ ދިރާސާތަކެއް ކުރަންޖެހޭ ކަމަށެވެ. ބަލަންވާ ވަރަށް ނުބަލައި، ކުރަން ޖެހޭ ވަރަށް ދިރާސާނުކޮށް ނަގާ އެކަޝަންއަކުން، އެހެން ފަރާތްތަކަށް ގެއްލުން ލިބިގެން ހިނގައިދާނެ ކަމަށްވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
"ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރާތީ އަޅުގަނޑުމެން އެންމެންގެ ކަންބޮޑުވުން އެބައޮތް، މިހާރުވެސް ބިދޭސީން ކުރާ ވިޔަފާރި ކުރަނީ ގަވާއިދާ ހިލާފަށް، އެކަމަށް ހައްލު ހޯދަން އަޅުގަނޑުމެން އެތައް މަސައްކަތެއް ކުރަމުން މިދަނީ، އަޅުގަނޑުމެންނަކީ ޖާދޫގަރުންކަމަށް ނުވާތީ ކުއްލިއަކަށް ހުރިހާ ކަމެއް ނިންމާ ނުލެވިގެން މިއުޅެނީ، ވަރަށްބުރަ މަސައްކަތެއް ވަރަށްގިނަ ދިރާސާތަކެއް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީން ވިޔަފާރި ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހީންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެމީހުން ވިޔަފާރި ކުރަނީ ދިވެއްސެއްގެ ނަމުގައި ކަމަށާއި، އެމީހުންގެ ވޯކްޕާމިޓް އޮންނަނީ ވެސް ދިވެއްސެއްގެ ނަމުގައި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުގެ އަމިއްލަ އިހުތިޔާރުގައި މީ ދިވެހި ވިޔަފާރިއެކޭ، މީ ބިދޭސީ ވިޔަފާރިއެކޭ ބުނަން ފަށައިފިނަމަ ތިބޭފުޅުން ގަބޫލެއް ނުކުރައްވާނެ، އެއަށް ހެދޭނެ ގޮތެއް އެބަ ބަލަން މިސާލަކަށް، ޓްރެކް ކުރެވޭ ގޮތްތައް ހުރިތޯ އާއި އެ ފައިސާ ޖަމާވަނީ އެމީހާގެ ނަމުގައިތޯ ބަލައިގެން ރަނގަޅު ހައްލެއް ގެންނަންޖެހެނީ،" މިނިސްޓަރު ވިދާޅުވިއެވެ.