ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރިޔަސް ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތަކުން ނުފޮހެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރަސްރަނި ބަގީޗާ ހުޅުވިތާ ދެއަހަރުވުން ފާހަގަކޮށް ކުރެއްވި ޓުވީޓެއްގައެވެ.
މުއިއްޒު ކުރެއްވި ޓުވީޓުގައި ރަސްރަނި ބަގީޗާ ތަރައްގީކޮށް ހުޅުއްވައިދެއްވީ 21 އޮގަސްޓް 2017 ގައި ރައީސް ޔާމީން ކަމަށާއި ރަސްރަނި ބަގީޗާ ހުޅުވިތާ ދެ އަހަރު ވުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް ތަހުނިޔާ ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީ ކުރި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރިއިރު، އެތަނަށް އެއްވެސް ބަދަލެއް ނުގެނައީ ކީއްވެގެންތޯވެސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކު އަލުން ތަރައްގީކޮށް ހުޅުވީ، 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގައެވެ. ނަމަވެސް މި ސަރުކާރުގައި އަނެއްކާވެސް މިހާރު ވަނީ ރަސްރަނި ބަގީޗާގެ ނަން ކުރިއެކޭ އެއްގޮތަށް ސަލްޓަން ޕާކަށް ބަދަލުކޮށްފައެވެ.