އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ވިންސެންޓް ކޮމްޕެނީގެ މެންޗެސްޓާ ސިޓީގެ ވަދާއީ މެޗުގައި ބައިވެރިވާނެކަމުގެ ޔަގީންކަން އެ ކްލަބުގެ ކުރީގެ ފޯވަޑް މާރިއޯ ބަލޮޓެއްލީ ދީފިއެވެ.
އުމުރުން 29 އަހަރުގެ އިޓަލީ ފޯވަޑް ބަލޮޓެއްލީ ވަނީ 2010 އިން 2013 އަށް ސިޓީއަށް ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި ސިޓީއަށް ބަލޮޓެއްލީ ކުޅުނު 80 މެޗުން އޭނާ ވަނީ 30 ލަނޑު ކާމިޔާބުކޮށްފައެވެ.
އަންނަ މަހު ކުޅޭ ސިޓީގެ ކުރީގެ ކެޕްޓަން ކޮމްޕެނީގެ ވަދާއީ މެޗުގައި މެންޗެސްޓާ ސިޓީގެ ލެޖެންޑުންގެ ޓީމު ނުކުންނާނީ ޕްރިމިއާ ލީގުގެ އޯލް ސްޓާ ޓީމާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައެވެ.
އެ މެޗުގައި މެންޗެސްޓާ ސިޓީ ލެޖެންޑުންގެ ޓީމަށް އިރުޝާދު ދިނުމަށް ހަމަޖެހިފައިވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއެވެ. އަދި ޕްރިމިއާ ލީގުގެ އޯލް ސްޓާ ޓީމަށް އިރުޝާދު ދޭނީ ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒެވެ.
އެ މެޗުގައި ބެލްޖިއަމް ޑިފެންޑަރު ކޮމްޕެނީ ހިމެނޭ ސިޓީގެ ލެޖެންޑުންގެ ޓީމުން ގިނައިން ފެނިގެންދާނީ މީގެ ކުރިން އޭނާއާއެކު ސިޓީއަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ޖޯ ހާޓް، ޖޯލިއަން ލެސްކޮޓް، މިކާ ރިޗާޑްސް، ޕަބްލޯ ޒަބަލެޓާ، ވޭން ބްރިޖް، ގެރެތު ބެރީ، ނިއިޖެލް ޑި ޔޮންގް، ސާމިރް ނަސްރީ، ޝޯން ރައިޓްސް ފިލިޕްސް، ސްޓެފަން އަޔަލެންޑް އަދި ކްރެއިގް ބެލަމީ ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން މިހާރު ވެސް ސިޓީއަށް ކުޅޭ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އާއި ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވެސް މެންޗެސްޓާ ސިޓީގެ ލެޖެންޑުންގެ ޓީމުން ފެނިގެންދާނެއެވެ.
އެ މެޗުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ބަލޮޓެއްލީ ވަނީ ދާދި ފަހުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރެސިއާއާ ގުޅިފައެވެ. އޭނާ އެނބުރި އިޓަލީ ކްލަބަކާ ގުޅިފައިމިވަނީ ފްރާންސްގެ ނީސް އާއި މާސޭއަށް ކުޅުމަށްފަހުއެވެ.
ސިޓީގައި ބަލޮޓެއްލީ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ އެ ކްލަބަށް ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓެއް ކަށަވަރުވި މެޗުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ. 12-2011 ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު މެޗުގައި ސިޓީއަށް ލީގު ކަށަވަރުވީ، ބަލޮޓެއްލީ ދިން ބޯޅައަކުން ސާޖިއޯ އަގުއެރޯ ޖެހި ލަނޑުންނެވެ. ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު)އާ ދެކޮޅަށް ކުޅުނު އެ މެޗުގައި އަގުއެރޯ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އެ މެޗުގައި ސިޓީއަށް ތިން ޕޮއިންޓް ނުހޯދުނު ނަމަ، ލީގު ލިބެން އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށެވެ.
އަހަރުތަކަކަށްފަހު ބަލޮޓެއްލީ އެނބުރި އިނގިރޭސިވިލާތަށް ދާނީ ގިނަ އަހަރުތަކެއް ވަންދެން ސިޓީގެ ކެޕްޓަންކަމުގެ ދައުރު އަދާކުރި ކޮމްޕެނީގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅޭ ސިޓީގެ ވަދާއީ މެޗުގައި ބައިވެރިވުމަށެވެ. މިދިޔަ ސީޒަނަށްފަހު ސިޓީ ދޫކޮށް، ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ހަރަކާތެރިވުމަށް ކޮމްޕެނީ ވަނީ ގުޅުނީ ބެލްޖިއަމްގެ އެންޑަލެކްޓްއާ އެވެ.
ތަޖުރިބާކާރު ޑިފެންޑަރު ކޮމްޕެނީ ވަނީ ސިޓީގައި ހޭދަކުރި 11 އަހަރުގެ ތެރޭގައި ހަތަރު ޕްރިމިއާ ލީގާއި ދެ އެފްއޭ ކަޕާއި ހަތަރު ލީގު ކަޕްގެ އިތުރުން ދެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.