ދިވެހިރައްޔިތުންގެ ޕާޓީ

ޑީއާރުޕީ އިން ޓީވީ ޗެނަލެއް ހަދަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑީއާރުޕީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެޕާޓީން އުފައްދާ ޓީވީ ޗެނަލަކީ އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްނެންގެވުމަކަށް އުފައްދާ ޗެނަލެއް ކަމަށެވެ. އަދި އެ ޗެނަލްގެ ބޭނުމަކީ ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ހަބަރުތައް ގެނެސްދިނުން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެ ޗެނަލް ލޯންޗު ކުރަން ނިންމާފައިވަނީ ކޮންއިރަކު ކަމެއް އަދި ޗެނަލަށް ކިޔާނެ ނަމެއް ޑީއާރުޕީ އިން ހާމަކޮށްފައެއް ނުވެއެވެ.

ޑީއާރުޕީގެ ލީޑަރުކަމާ ޖާބިރު ހަވާލުވެވަޑައިގެން ފަހުން އެ ޕާޓީއިން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތާއި ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުމުގެ މަސައްކަތް ޖާބިރު ގެންދަވަނީ ކުރައްވަމުންނެވެ.

ޑީއާރުޕީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެން ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޖާބިރު ވިދާޅުވީ، ޑީއާރުޕީއަކީ އިދިކޮޅުގައި އޮތް ހަމައެކަނި ޕާޓީ ކަމަށެވެ.

އަދި އެޕާޓީގެ އަމާޒަކީ 80،000 މެންބަރުން ހަމަކޮށް، ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ތަމްސީލު ވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ އިތުރު މެންބަރުންތަކެއް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.