ފޮރިން މިނިސްޓްރީ

އަލިފާނުގެ ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

ފަތޯނާ ފާއިޒު

ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޮމެންއަށް މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި އެގައުމުގެ ވެރިރަށް ޑާކާގެ މިރްޕޫރް ނެއިބަހުޑްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެތައް ސަތޭކަ ގެއަކަށް ގެއްލުންވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ހަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމައާ އެކީގައި ކަމަށް ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ލިބުނު ގެއްލުން ތަކުން އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ފަގީރު ހިސާބެއް ކަމަށްވާ ޗަލަންތިކާގައި ހިނގި އަލިފާނުގެ ހާދިސާގައި 1200 އަށްވުރެ ގިނަ ވަނީ އަނދައި ހުލިވެފައެވެ. އެ ހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް، ގާތްގަނޑަކަށް 10،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.