ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރުކަމަށް ޑރ. މުހައްމަދު ޒާހިރު ހުސައިން އައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ދެ ބޭފުޅުންނަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވެވީ މިއަދުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމުގައެވެ.
ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމަށް އައްޔަން ކުރެއްވި ޑރ. ހަސަން ހަމީދު މީގެ ކުރިން އަދާކުރައްވާފައިވާ މަގާމު ތަކުގެތެރޭގައި ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަގާމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރުގެ މަގާމުގެ އިތުރުން ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ.
އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރުކަމަށް އައްޔަނު ކުރެއްވި ޑރ. މުހައްމަދު ޒާހިރު ހުސައިނަކީ މީގެ ކުރީންވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް ޒާހިރު ހުސައިނަކީ އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުކަމުގެ އިތުރުން ދައުލަތުގެ އެކިއެކި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ. ޒާހިރު ހުސައިން އެންމެފަހުން އަދާކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރުކަމުގެ މަގާމެވެ.